އުރުދުންްއާ ސޫރިޔާ ގުޅޭ ސަރަހައްދީރޮނގު ކައިރީ ގާއިމްކޮށްފަިއވާ ރެފިއުޖީ ކޭމްޕްގައި ތިބި ސޫރިޔާގެ ރެފިއުޖީން ހިންގި ހަމަނުޖެހުންތެއްގައި އުރުދުންގެ ގާޑުންނަށް އަނިޔާ ވުމުން، އިތުރު ހަމަނުޖެހުން ނުހިންގުމަށް އުރުދުން ސަރުކާރުން އިންޒާރުކޮށްފި އެވެ.

ފޭލިގެ ޖަހާފައިވާ ރެފިއުޖީ ކޭމްޕްތަކުގެ ހާލަތު ދެރަ ކަމަށް ބުނެ ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން 200 ވަރަކަށް މީހުން ހިންގި ހަމަނުޖެހުންތަކެއްގައި އެތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ތިބި އުރުދުން ސިފައިންގެ 26 މީހަކަށް އިއްޔެ އަނިޔާވެފައިވާ ކަމަށް އުރުދުންގެ ޕަބލިކް ސެކިއުރިޓީ އޮފިޝަލުން ބުންޏެވެ.

އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އުރުދުންގެ ޒަތާރީ ނަމަކަށް ކިޔާ ރަށުގައި ގާއިމްކޮށްފައިވާ، އުރުދުންގެ ފުރަތަމަ ރެފިއުޖީ ކޭމްޕްގައި ސޫރިޔާގެ 21،000 އަށް ވުރެ ގިނަ ރެފިއުޖީން އެބަތިއްބެވެ.

ސޫރިޔާގެ ރެފިއުޖީން ޝަކުވާކުރާ ގޮތުގައި ރެފިއުޖީކޭމްޕްގެ ޓެންޓްތަކުގައި ހިރަފުސް ބޯކަމުން ސާފުތާހިރުކަމާ އެކު އެތަނުގައި އުޅެވޭކަށް ނެތެވެ.

ސޫރިޔާގެ ރެފިއުޖީން އިއްޔެ ހިންގި ހަމަނުޖެހުންތަކުގެ ކުރިން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހަމަނުޖެހުންތަކެއް ހިންގާފަ އެެވެ. އެ ހަމަ ނުޖެހުންތަކުގައި ރެފިއުޖީންގެ ތެރެއިން 200 ވަރަކަށް މީހުން ވެެގެން އުރުދުން ސިފައިންނާ ދިމާއަށް ވަނީ ގާއުކާފަ އެވެ.

ސޫރިޔާގެ ރެފިއުޖީންނަށް އިންޒާރު ދެއްވަމުން އުރުދުންގެ އިންފޮމޭޝަން މިނިސްޓަރު ސަމީހު މައިތާ ވިދާޅުވެފައި ވަނީ އެފަދަ ކަންތައްތައް އުރުދުން އިން އިތުރަށް ތަހައްމަލު ނުކުރާނެ ކަމަށެވެ. ނަމަވެސް އަޅާނީ ކޮން ފިޔަވަޅެއް ކަަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ސަހަރާގެ ނަފަސްކަމުގެ ސަބަބުން ޒަތާރީ ރެފިއުޖީކޭމްޕްގެ ހާލަތު ގޯސްކަމުން އެތަން ބަންދުކުރުމަށް ގޮވާލައި، އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ އދ.ގެ އިދާރާގެ ކުރިމަތީގައި ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އުރުދުންގައި ހުންނެވި ޔޫއެންއެޗްޗީއާރުގެ ރެޕްރެޒެންޓެޓިވް އެންޑްރޫ ހާޕާ ވަނީ ރެފިއުޖީކޭމްޕްގެ ހާލަތު ގޯސްކަން ގަބޫކުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެތަނުގައި ތިބި މީހުން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރުދުންއަށް އަންނަމުންދާ ރެފިއުޖީންގެ އަދަދު އިތުރުވަމުންދާތީ އެމީހުން ބެލެހެއްޓުމުގައި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ވެސް ހާޕާ ވިދާޅުވި އެވެ.

"އުރުދުންގައި ސޫރިޔާގެ 180،000 ރެފިއުޖީން އެބަ ތިބި، އެގޮތުން އުރުދުން އަކީ ސޫރިޔާގެ އެންމެ ގިނަ ރެފިއުޖީން ބަލަހައްޓަމުންދާ ގައުމު، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަ ވުމުން، ގަޑިއިރުގެ ތެރޭގައި 4600 މީހުން ބޯޑަރު ހުރަސްކުރި،" މައިތާ ވިދާޅުވި އެވެ.

ރެފިއުޖީންގެ ގޮތުގައި އުރުދުންއަށް އަންނަ ސޫރިޔާގެ ރައްޔިތުން އިތުރުވަމުންދާތީ އުރުދުންގެ ރިބާ ސަރުހާން ނަމަކަށް ކިޔާ ރަށުގައި ވަރަށް އަވަހަށް އިތުރު ރެފިއުޖީ ކޭމްޕެއް އުރުދުން އިން ދަނީ މަސައްކަތްކުރަމުން ކަމަށް އެގައުމުގެ އުރުދުންގެ ފޮރިން މިނިސްޓަރު ނާސިރު ޖޫދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކުވެރި އަރަބި އިމާރާތުގެ އެހީއާ އެކު ގާއިމްކުރާ އެ ކޭމްޕްގައި 20،000 މީހުން ބޭތިއްބޭނެ ކަމަށެވެ.

ސޫރިޔާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގާ މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ގޮސްފަ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ހަނގުރާމަވެރިންނާ އެގައުމުގެ ސިފައިންނާ ދެމެދު ކޮންމެ ދުވަހަކުވެސް ދަނީ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންނެވެ. ( އެސޯސިއޭޓެޑް ޕްރެސް)