ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވާގިވެރިވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)ގެ ސަރަހައްދުތަކަކަށް ސައުދީ އަރަބިއާއިން ހަމަލާތަކެއް ދީފައިވަނިކޮށް، ސައުދީން މެދުވެރިއެއްގެ ގޮތުގައި އިސްވެ، ޔަމަންގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލް (ޕީއެލްސީ) އިން މަޝްވަރާއަށް ގޮވައިލުމުން އެސްޓީސީން މަރުހަބާ ކިޔައިފިއެވެ.

އެސްޓީސީން ވަނީ ޔަމަނުގެ ހަޟްރަމައުތު ޕްރޮވިންސާއި، އަލް މަހްރާ ޕްރޮވިންސަށް އެ ޖަމާއަތުގެ ބާރު އިތުރުކޮށްފައެވެ. ސައުދީ އަރަބިއްޔާއާ ބޯޑަރު ހިއްސާކުރާ، އަދި ޔަމަނުގެ ވެސް ބޮޑު ސަރަހައްދަކީ މި ދެ ޕްރޮވިންސެވެ. ސައުދީން ބުނެފައިވާ ގޮތުގައި އެސްޓީސީގެ ބާރު އެ ސަރަހައްދުތަކުގައި އިތުރުވުމަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެކެެވެ. އަދި ވައިގެމަގުން ހަމަލަތަކެއް ވަނީ އެސްޓީސީއަށް އަމާޒުކޮށް ފޮނުވައިފައެވެ.

އެސްޓީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވަނީ ސައުދީ އަރަބިއްޔާގެ މި އިސްނެގުމަކީ ދެކުނުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދޭނެ ސީރިއަސް މަޝްވަރާތަކެއް ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

މި ބަޔާން ނެރެފައިވަނީ ޔަމަނުގެ ދެކުނުގެ މައްސަލައަށް އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ފުރިހަމަ ތަސައްވުރެއް އެކުލަވާލުމަށް ސައުދީގެ ވެރިރަށް ރިޔާދުގައި ބޭއްވި ފޯރަމެއްގައި ބައިވެރިވުމަށް އެސްޓީސީއަށް ސައުދީގެ ޚާރިޖީ ވުޒާރާއިން ގޮވާލާފައިވަނިކޮށެވެ.

ޔަމަނުގެ ދެކުނުގައި ފާއިތުވި ދުވަސްތަކުގައި ހަނގުރާމަތައް ފެށީ ޔަމަނުގެ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިމެނޭ އެ ގައުމުގެ ހަޟްރަމައުތާއި އަލް މަހްރާ ޕްރޮވިންސަށް މިދިޔަ މަހު އެސްޓީސީން ދިން ހަމަލާއާ ގުޅިގެންނެވެ.

މިކަމުގެ ސަބަބުން ހަދްރަމައުތު ޕްރޮވިންސްއާ ބޯޑަރު އޮންނަ ސައުދީ އަރަބިއްޔާއިން ވަނީ އެގައުމުގެ ގައުމީ ސަލާމަތް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޯޑަރު ސަރަހައްދުތަކުގައި އެސްޓީސީއާ ދެކޮޅަށް ހަމަލާތައް ފަށާފައެވެ.

އެސްޓީސީގެ ސަބަބުން ސައުދީގެ ދެކުނުގެ ސަރަހައްދީ ރޮނގަށް ސަލާމަތީ ގޮތުން ނުރައްކާވާ ކަމަށް ސައުދީން ދަނީ ބުނަމުންނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އާއި ޔޫއޭއީއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވަނިކޮށް، މުދާ ހިފައިގެން ޔަމަނުގައި ބަނދަރުކުރި ޔޫއޭއީއަށް ނިސްބަތްވާ އުޅަނދަކަށް، ހޫތީންނާ ދެކޮޅަށް ސައުދީން އިސްވެ އުފައްދާފައިވާ އިއްތިހާދުން ވަނީ ހަމަލާދީފައެވެ.

ޔޫއޭއީ އިން އެސްޓީސީއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ސައުދީން ތުހުމަތު ކުރި ނަމަވެސް ޔޫއޭއީއިން ވަނީ އެ ކަން ދޮގުކޮށްފައެވެ.

ހާލަތު ގޯސްވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ޔޫއޭއީން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.