04 Jan 2026, 13:21
ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މާދަމާ ތާވަލުކޮށްފިއެވެ.
މެންބަރުންނަށް ފޮނުވި އެޖެންޑާގައިވާ ގޮތުން، ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން މާދަން ތިން ބިލެއް ހުށަހަޅާނެއެވެ.
އަދި އެ ބިލުތަކަށް ބަހުސްކުރަން ވެސް ފަށާނެ ކަމަށް އެޖެންޑާގައިވެއެވެ.
މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓްގެ ބިލަށް ވޯޓަށް އަހަން ވެސް އޮތީ ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމައި، މެންބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް އާ ދައުރު ފަށާނީ ފެބްރުވަރީ މަހެވެ. ނަމަވެސް ފެބްރުވަރީ މަހު މި އަހަރުގެ ފުރަތަމަ ދައުރު ފަށާނެ ވަކި ތާރީޚެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަދި ހާމަ ނުކުރެއެވެ.
މިއީ ނިމިދިޔަ ދައުރާއި ފެށެން އޮތް ދައުރާ ދެމެދު ބާއްވާ، ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާއެވެ.