އަހުލީ ހަނގުރާމަ ކާމިޔާބުކޮށް ހަނގުރާމަވެރިން ބަލިކުރުމަކީ ދަތިކަމަކަށް ވެފައިވާ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އެއްބަސްވެވަޑައިގެންފި އެވެ.

އަސަދުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ރާމީ މަޚުލޫފް ހިންގަވާ އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމަށްވާ ދުންޔާ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަސަދު ވިދާޅުވެފައި ވަނީ ސޫރިޔާ ސިފައިންގެ ތެރެއިން އިދިކޮޅު ހަނގުރާމަވެރިންނާ ގުޅެމުންދާ މީހުން ވެސް އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ހަނގުރާމައިން ބަލިވެވަޑައިގެންފާނެ ކަަމަށް އޭނާ އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. ވިދާޅުވެފައި ވަނީ ހަނގުރާމަ ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ.

"އަޅުގަނޑުމެން ކުރަމުން މިދަނީ ގައުމީ އަދި ބައިނަލްއަގުވާމީ ހަނގުރާމައެއް. އެހެންވީމާ ކާމިޔާބުކުރަން ވަގުތު ބޭނުންވޭ، އަޅުގަނޑުމެން މިދަނީ ކުރިއަށް،" އަސަދު ވިދާޅުވި އެވެ.

ަސޫރިޔާ ސަރުކާރުގެ ތެރެއިން އަދި ސިފައިންގެ ތެރެއިން ނުކުމެ، މީހުން އިދިކޮޅު ފަރާތްތަކާ ގުޅޭ ގުޅުން އަސަދު ސިފަކުރެއްވީ ގައުމު ސާފުކުރުން ކަމުގަ އެވެ. އަދި އެގޮތަށް ދާން ބޭނުން ވެގެން ނުގޮސް ހުރި މީހަކު ހުރިކަން އެނގިއްޖެ ނަމަ ދިއުމަށް ހިތްވަރު ދިނުމަށް ވިދާޅުވެ، އަސަދު ވަނީ އެފަދަ ފަރާތްތަކަށް ޖޯކް ޖައްސަވާފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިން ބަލި ނުކުރެވޭތީ، ބޭރުގައުމުތަކުން އެމީހުންނަށް އެހީތެރިވާ ކަމުގެ ތުހުމަތު އެހެން ގައުމުތަކުގެ ބޮލުގައި އަަސަދު އެޅުއްވި އެވެ. އަސަދުގެ މިފަހަރުގެ ވާހަކަފުޅާއި މިދިޔަ ހަފުތާ ބަންދުގައި ސޫރިއާއަށް ވަޑައިގެންނެވި އީރާނުގެ އޮފިޝަލަކާ ދެއްކެވި ވާހަކަފުޅުން ވެސް ދޭހަވަނީ ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނުކަމުގައި ވިޔަސް ދެމގެންވާ ހަނގުރާމައެއް ކުރައްވަން އޭނާ ތައްޔާރަށް ހުންނެވި ކަމެވެ.

މިހާރު 17 މަސްދުވަހަށް ވުރެ ދިގުމުއްދަތެއް ހަނގުރާމައިގާ ހޭދަވެފައިވާ އިރު މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަންދާޒާކުރެވިފައިވެ އެވެ. ( އެސޯސިއޭޓެޑް ޕްރެސް)