ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަންދެލީގައި ކާނާ ވިހަވެގެން އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް، ޕެރަލައިޒްވި މީހާ ސިކުނޑި ހުއްޓިގެން މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އޭނާ މަރުވެފައި ވަނީ އިއްޔެ ހަވީރު 5:37ގައި ކަމަށާއި އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ކާނާ ވިހަވުމުން ކަމަށާއި ނަމަވެސް އޭނާއަކީ އެހެން ބައްޔެއް ވެސް ހުންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާ އަށް ޖެހިފައިވާ އަނެއް ބައްޔަކީ ކޮބައި ކަމެއް ވިދާޅެއްނުވެ އެވެ. އޭނާ މަރުވަން ދިމާވީ ބުރެއިން ޑެޑް ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާނާ ވިހަވުމުގެ ސަބަބުން މަރުވެފައި ވަނީ ބަނގުލަދޭސްގެ ރައްޔިތެކެވެ. އޭނާގެ އިތުރުން ކާނާ ވިހަވުމުގެ ސަބަބުން ރަންދެލި ރިސޯޓުގެ 100 އަށް ވުރެ ގިނަ މުވައްޒަފުނަށް ވަނީ ފަރުވާދީފަ އެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ މަނަދޫ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރަންދެލި ރިސޯޓްގެ މުވައްޒިފުން ކާނާ ވިހަވަން ދިމާވީ ކުނިވެފައިވާ މަހެއް ކައްކައިގެން ކެއުމުގެ ސަބަބުން ކަމަށް މައުލޫމާތުލިބެ އެވެ. އެގޮތުން އެ ރިސޯޓުގެ ގިނަ މުވައްޒިފުން ވަނީ ކާނާ ވިހަވުމުގެ ސަބުން ފުލުހުންގެ އެހީތެރިކަމާ އެކު ފަރުވާދިނުމަށް އެ އަތޮޅު ހޮޅުދޫ އާއި މަނަދޫގެ އިތުރުން ވެލިދޫ އަށް ގެންގޮސް ފަރުވާދީފަ އެވެ.