03 Jan 2026, 22:23
މިވަގުތު އެންމެ ގިނަ މެންބަރުން ތިބި ވެރިކަންކުރާ ޕީއެންސީއަށް 5،000 މެންބަރުން އިތުރުވެ، ޖުމުލަ މެންބަރުންގެ އަދަދު 74،000އަށް ވުރެ މައްޗަށް އަރައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ.
ޖޫން މަހުގެ 29 ވަނަ ދުވަހު އީސީން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި އޭރު އެ ޕާޓީގައި 68،665 މެންބަރުން ތިއްބެވެ. އެހެންކަމުން ހަ މަސްތެރޭ މިވަނީ 5،383 މެންބަރުން އެ ޕާޓީއަށް އިތުރުވެފައެވެ.
އީސީން މިރޭ އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެމްޑީއޭއާއި، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން 29 ގެ ނިޔަލަށް އެމްޑީޕީގައި 43،765 މެންބަރުން ތިބިއިރު، އެ އަދަދު މިހާރު ވަނީ 43،784 އަށް އިތުރުވެފައެވެ. އަދި އެމްޑީއޭގެ މެންބަރުންގެ އަދަދު ވަނީ 9،011 އިން 9،686 އަށް އިތުރުވެފައެވެ.
ޕީއެންސީއާއި އެމްޑީޕީއާއި އެމްޑީއޭގެ މެންބަރުން އިތުރުވިއިރު، ޖޫން 29 ގެ ފަހުން އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ޕީއެންއެފާއި، އެމްއެންޕީން މެންބަރުން ވަނީ މަދުވެފައެވެ.
ޖޫން 29، 2025އަށް ފަހު ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް އައި ބަދަލު:
- އަދާލަތު ޕާޓީ - 8،267 (577 މެންބަރުން ވަނީ މަދުވެފަ)
- ޖުމްހޫރީ ޕާޓީ - 12،343 (1،113 މެންބަރުން ވަނީ މަދުވެފަ)
- މޯލްޑިވްސް ނޭޝަނަލް ޕާޓީ - 5،133 މެންބަރުން (703 މެންބަރުން ވަނީ މަދުވެފަ)
- ޕީޕަލްސް ނޭޝަނަލް ފްރަންޓް - 3،012 މެންބަރުން (34 މެންބަރުން ވަނީ މަދުވެފަ)
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ނަމަވެސް، ދަ ޑިމޮކްރެޓްސް އަދިވެސް އުވާނުލައެވެ. އެގޮތުން 30 ޖޫންގެ ނިޔަލަށް އެ ޕާޓީގައި 3،547 މެންބަރުން ތިބިއިރު މިވަގުތު އެ ޕާޓީގައި ތިބީ 2،952 މެންބަރުންނެވެ.
ފާހަގަކުރެވޭ ގޮތުގައި އޭރު ޕީއެންސީއަށް ވުރެ މެންބަރުން ގިނަ ޕީޕީއެމް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު އުވާލިއެވެ.
އޭގެ ފަހުން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ ޕާޓީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މިދިޔަ އަހަރު ތެރޭގައި ވަރަށް ބޮޑުވެ، ޕީއެންސީއަށް ވެސް ގިނަ ތުހުމަތުތަކެއް އަމާޒުވިއެވެ.
އެގޮތުން، އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ.
ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރުނުކުރެވޭ ފޯމުތަކެއް ފުރުނު ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ އޭޕްރިލް މަހު ވިދާޅުވީ، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ޕީއެންސީއަށް މީހުން ވައްދައިފައިނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރިނަމަ, އެ ޕާޓީގައި މިހާރު 90،000 އަށްވުރެ ގިނަ މީހުން ތިބޭނެ ކަމަށެވެ.