ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިން އޮފް ޓްރެއިނާސް" ޕްރޮގްރާމް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނުކުރުމަށް ބާއްވާ ޕްރޮގްރާމު، މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މާލޭގެ ސީއެޗްއެސްއީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އިންތިޚާބުގެ އޮފިޝަލުންނަށް ތަމްރީނު ދޭ 95 ފަރާތެއް ބައިވެރިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބައިވެރިވާ ކަމަށް ވެސް، އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އެ ކޮމިޝަނުން ބުނީ، މި ތަމްރީނު ޕްރޮގްރާމްގެ މަގުސަދަކީ، އިންތިޚާބު ކުރިއަށްދާއިރު، ގާނޫނުތަކާއި ގަވައިދުތަކުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓު ނެގުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީ މަސައްކަތްކުރާ އޮފިޝަލުންނަށް ކިޔައިދިނުމާއި، އެ ފަރާތްތައް މި މަސައްކަތަށް ތައްޔާރުކުރުން ކަމަށެވެ.

އޮފިޝަލުން ތަމްރީނުކުރާ ފަރާތްތައް ތަމްރީނުކޮށް ނިމުމުން، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މިމަހުގެ 11ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިޚާބުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7،000 އޮފިޝަލަކު ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއެވެ. މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގައި އެޗްއާރާއި އިދާރީ، މީޑިއާ އާއި ޕަބްލިކް ރިލޭޝަންސް، އައިޓީ، މާލީ، އަދި ގާނޫނީ ދާއިރާއިން އޮފިޝަލުން ހޯދަން ހުޅުވާލިއެވެ.

ފާހަގަކުރެވޭ ގޮތުގައި އަންނަ ކައުންސިލު އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ވަނީ ފަށައިފައެވެ. އެގޮތުން ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެތެރޭގެ ޕްރައިމަރީ ބޭއްވިއިރު، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 16ވަނަ ދުވަހެވެ.

އިންތިޚާބުގެ ކުރިން، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލުތައް އެކުލެވޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެއީ ކުދި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލުތައް އުވާލުމެވެ.