30 Aug 2012, 01:52
ކޯނީގެ ރިޕޯޓުގައި ސަރުކާރުބަދަލުވީ ބަޢާވާތަކުން ނޫންކަމަށް ނިންމާފައިވާ ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެ ވެރިކަން ބަދަލުކޮށްލުމަށް ކަމަށް ބުނެ އެމަނިކުފާނު އިސްކޮށްހުންނަވައިގެން އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ފަސޭހަކަމާއެކު ރޫޅާލައިފި އެވެ.
ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި ކޯނީގެ ރިޕޯޓް ހަގީގަތައި އެއްގޮތަށް އެކުލަވާލުމަށް ގޮވާލަމުން އުސްފަސްގަނޑުން ފެށި މުޒާހަރާގައި އެންމެ ކުރީގައި ހުންނެވީ އެމްޑީޕީގެ ރިއާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުގެ ބައެއް މެންބަރުނެވެ.
އުސްފަސްގަޑުން މިރޭ 09:30 ކަންހާއިރު ފެށި އެ ހިނގާލުމުގައި އެމްޑީޕީއަށް ސަޕޯޓްކުރާ އެކި އުމުރު ފުރާތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީން ފެށި ހިނގާލުން ބޮޑުތަކުރުފާނު މަގުން މައި ކުނިގޮޑާއަރާ ހަމަވުމުން އެމްއެންޑީއެފްގެ ސިފައިންވަނީ ސުޓޭޑިއަމް ކަންމަތިން ބޮޑުތަކުރުފާން މަގު ބަންދުކޮށްފަ އެވެ. އެވަގުތު ހިނގާލުމުގެ ބައިވެރިން އެތަނަށްހުއްޓި މުޒާހަރާ ފެށިކަމުގައިވި ނަމަވެސް ސިފައިނާއި މުޒާހަރާގެ ބައިވެރިނައި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް ފުލުހުންއައިސް އެހިސާބުން މާފަތްތަކުރުފާންމަގު ސީލްޑްޖަހާ ބަންދުކުރުމުން ފުލުހުނާއި މުޒާހަރާގެ ބައިވެރިނާއި ދެމެދު ކުރިމަތިލުން ތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން އެތަނުން ފުލުހުންގެ ޝީލްޑްގައި ތަޅައި ފުލުހުންގެ ސަފު ފަޅާލަން މަސައްކަތްކޮށްފައިވެ އެވެ. ފުލުހުން މިރޭ ވަނީ އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާން މަގުނޫން އެހެން މަގަކުން ދިޔަނުދީ މަގުތަށް ބަންދު ކޮށްފަ އެވެ.
ފުލުހުނާއި އާންމުނާއި ދޭތެރެ ދޭތެރެއިން މިރޭ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުވެސް ކޮށްފައެވެ.
މިރޭ 11:30 ކަންހާއިރު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުންގޮސް މޫދަށް އެރޭ ޓުރެކްސަރަހައްދާ ހަމައަށް ޖެއްސުމުން ކުރީގެ ރައީސް ނަޝީދު ވަނީ އެސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އަދި އެހިސާބުން މުޒާހަރާގެ ބައިވެރިންވެސް ވަނީ އުސްފަސްގަނޑަށް ދިއުމަށް ފަހު އުސްފަސްގަނޑުގައި ޝުއޫރު ފާޅުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.
މިރޭ ޝުއޫރު ފާޅުކުރި ހުރިހާ ފަރާތްތަކުންވެސް ބުނަމުންދިޔައީ އެމްޑީޕީގެ ސަރުކާރު ބަދަލުކޮށްލީ "ބަޢާވާތަކުން" ކަމަށާއި ކޮންމެ ރިޕޯޓެއް ނެރުނަސް އެނޫންގޮތެއް ގަބޫލު ނުކުރާނެ ކަމަށެވެ.