އެމްޑީޕީން މިރޭ މާލޭގައި ކުރި މުޒާހަރާގައި ލަޓިބުރި އާއި ހޮޅިބުރި ފަދަ ތަކެތި ހިފައިން ނުކުމެ މީހުނަށް ހަމަލާ ދިނުމަށް ރާވާފައިވާ ކަމަށާއި އެމްޑީޕީ މީހުން މުޒާހަރާ ކުރުމަށް ފުރުސަތު ނުދީ ހިފެހެއްޓީ އެހެން ވެގެން ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ 12:15ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ސުޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަށް ހުރިގޮތުން ބައެއް މީހުންނަށާއި ތަންނަށް ގެއްލުމެއް ދީފާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި އެމްޑީޕީން އުސް ފަސްގަނޑަށް އެއްވެ ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި ރަށް ރަށުން މީހުން މާލެ އައިސް މާލެ ތެރޭގައި ހަމަ ނުޖެހުން ހިންގުމަށް ގޮވާލާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވީސް އަށް މައުލޫމާތު ލިބިފައި އެބައޮތް އިހްތިޖާޖު ކުރަމުންދާ ފަރާތްތަކުން ނުވަތަ މުޒާހަރާ ކުރަމުންދާ ފަރާތްތަކުން އެކި ގޮތް ގޮތުން ހަތިޔާރުގެ ގޮތުގައި ފުލުންނަށް ނުވަތަ އެހެންވެސް ބަޔަކަށް ހަމަލާދެވިދާނެ ފަދަ ހޮޅިބުރި އާއި ލަކުޑިބުރި ފަދަ ތަކެތި ހިފައިގެން ގޮސް ހަމަނުޖެހުން ހިންގައި ކަންތައް ތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަން،" ނަވާޒް ވިދާޅުވި އެވެ. "މި ލިބުނު މައުލޫމާތާއިއެކު މުޒާހަރާ ކުރި މީހުން ރަށު ތެރެއަށް އެރިޔަ ނުދީ ވަނީ ހުއްޓުވާފައި. އެކަން ހުއްޓުވީ ލަކު ޑިބުރި ފަދަ ތަކެތި ހިފައިގެން މާލެ ތެރޭގައި ހަމަ ނުޖެހުންތައް ހިންގާ މާލެގެ ތަންތަނަށް ގެއްލުން ދީ ނުވަތަ ގެއްލުން ލިބިދާނެ ގޮތްތަކަށް ހަރަކާތްތައް ހުންނާނެ ކަމަށް ބެލެވޭތީ،" ނަވާޒް ވިދާޅުވި އެވެ.

މީގެ އިތުރުން މިރޭ އެމްޑީޕީން ކުރި މުޒާހަރާ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތްކުރި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އެކި ގޮތް ގޮތުން ފުލުހުންގެ ވާޖިބަށާއި މަސައްކަތައް ހުރަސްއެޅުމުގެ ސަބަބުން. އޭގެ ތެރޭގައި ބެރިކޭޑްތައް ވެސް އުކާ އެއަށްވެސް ގެއްލުން ދޭ މަސަކަތްކުރުމުން ހަތް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި،" ނަވާޒް ވިދާޅުވި އެވެ.