ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓާއި ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ހަމަނުޖެހުން ހިންގަފާނެ ކަމަށްޓަކައި އެމްއެންޑީއެފްއިން އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ރާއްޖޭގައި އަމަން އަމާންކަން ގާއިމުކުރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރާނޭ ކަމަށާއި އެކަމުގައި އެމްއެންޑީއެފް ސާބިތުވެ ތިބޭނޭ ކަމަށެވެ.

" ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ (ކޯނީ) ގެ ރިޕޯޓް ނެރުމާގުޅުވައިގެން، މާލެއާއި ރާއްޖޭގެ އެކިރަށްރަށުގައި، އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ނަގާލުމަށް ބަޔަކު މަސައްކަތްކޮށްފާނެތީވެ، އެފަދަ ޙާލަތެއް މެދުވެރިވުމުގެ ކުރިން ޤައުމީ ދިފާޢީ ބާރުން އަޅަންޖެހޭ ފިޔަވަޅުތައް، މިގެންދަނީ އަޅަމުންނެވެ،" ބަޔާނުގައިވެ އެވެ.

ކޯނީގެ ރިޕޯޓުނެރުމަށް މަދުވަގުތުކޮޅެއް އޮތް އިރު ރައީސް ނަޝީދު މިއަދު އުސްފަސްގަނޑުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫންކަމަށް ކޯނީގައި ރިޕޯޓުން ނިންމާނޭ ކަމަށާއި އެހެން ކަމުން ދެން ނުކުންނަވާނީ މަގުމަތިން ވެރިކަން ވައްޓާލުމަށް ކަމަށެވެ. ކޯނީއަށް ރައީސް ނަޝީދު އައްޔަން ކުރެއްވި އަހުމަދު ސައީދު (ގަހާ ސައީދު) މިއަދު ވަނީ އެ ކޮމިޝަނުންވެސް އިސްތިއުފާދެއްވައިފަ އެވެ. އެމްޑީޕީން މިހާރުވެސް އަންނަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ.