29 Aug 2012, 21:55
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކޮމިޝަންގެ މަސައްކަތް އޮބްޒާވު ކުރެއްވި އދ. އާއި ކޮމަންވެލްތުގެ މަންދޫބުން ރައީސް އަރިހު ވިދާޅުވެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޯނީގައި ހިމެނިވަޑައިގަންނަވާ ރައީސްގެ މެންބަރު، އަހުމަދު ސައީދު ގަހާ ސައީދު އިސްތިއުފާދިން ގަޑީގައި މުލިއާގެ ކުރިމަތީގައި ތިބި ނޫސްވެރިންނަށް ވަނީ ކޮމިޝަނުގައި މަސައްކަތް ކުރައްވާ އދ. އާއި ކޮމަންވެލްތުގެ ދެ އޮބްޒާވަރުން ރައީސް އޮފީހުން ނުކުމެ ވަޑައިގަތް، ކޯނީގެ މަސައްކަތް ހިނގާ މުލިއާގެ އަށް ވަތް މަންޒަރުފެނިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުދެންނެވުމުން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ އދ. އާއި ކޮމަންވެލްތުގެ މަންދޫބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި ބައްދަލުކުރެއްވި ކަމަށާއި އަދި ކޮމިޝަންގެ މަސައްކަތްތައް ހިނގައި ދިޔަ ގޮތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް އަރިހު އޮބްޒާވަރުންދެންނެވި ކަމަށެވެ.
"ކޮމިޝަންގެ މަސައްކަތް ވެސް ނިމުމާ އެކު އޮބްޒާވަރުން ވެސް މާދަމާ ރިޕޯޓު އާންމު ކުރައްވާ ތަނަށްވެސް ވަޑައިނުގަންނަވާނެތީ އެ ދެ ބޭފުޅުން ރައީސް އަރިހަށް ވަޑައިގަތް މަސައްކަތްތަކުގެ ބްރީފިން ދެއްވައި ކޮމިޝަންގެ މަސައްކަތުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވި. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް މިކަން ދިޔަކަމަށް ވިދާޅުވި. އަދި ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށް އެބޭފުޅުން ވަނީ ޝުކުރު ދަންނަވާފައި،" އައްބާސް ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓު ރައީސް އޮފީހުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު އޮންނަ ޖަލްސާއެއްގައި އާންމު ކުރާއިރު އެ ރިޕޯޓް ރައީސްއާ ހަވާލުކޮށްދެއް ވާނީ ކޯނީގެ މެންބަރުންނެވެ.
އައްބާސް މިއަދު ވިދާޅުވީ ކޯނިން ގަހާ ސައީދު އިސްތިއުފާދެއްވި ނަމަވެސް ރައީސް ނަޝީދު ކޮމިޝަންގެ ރިޕޯޓު ގަބޫލުކޮށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި ރައީސް ވަނީ ކޯނީގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް ކޮމަންވެލްތާއި އަދި ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ގަހާ ސައީދު ކޮމިޝަނުން އިސްތިއުފާދެއްވުމަކީ ކޮމިޝަންގެ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލުއުފެދޭނެ ކަމެއް ނޫން ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓާ މެދު ހިތްހަމަޖެހިވަޑައިނުގެން ގަހާ ސައީދު މިއަދު އިސްތިއުފާދެއްވަމުން ވިދާޅުވެފައި ވަނީ އޭނާ މަގާމުން އިސްތިއުފާދެއްވީ ކުށްވެރިވާ މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް ރިޕޯޓުގައި ނެތުމާއި އަދި "ޔުނީކް ކޫއެއް" ގެނަވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތަކެއް ރެކޮމެންޑޭޝަންގައި ބުނެފައިނުވާތީ ކަމަށެވެ.