ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ފަސް ރާޅާ އެޅުންތެރިންނާ އެކު މިއަދު ފޯސީޒަން އައިލެން ރިސޯޓުގައި ފެށި "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ"ގެ ސިންގަލް ފިން ބައިގެ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ދަމިން ހާޑްމަން ހޯދައިފި އެވެ.

ފިން ބައިގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއަކީ ދެ ފަހަރު މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ރާޅާއެޅުންތެރިއެކެވެ.

ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އާޅާ ފޮއިންޓްގައި މިއަދު ހެދުނު ފެށި މިބައިގެ ރަނަރަޕްކަން ހޯދީ ޔޫކޭގެ މާޓިން ޕޮޓާ އެވެ. އޭނާ އަކީ 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ރާޅާއެޅުންތެރިއެކެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ބޭރުގެ ރާޅާއެޅުންތެރިންގެ ތެރޭގައި 1999 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ މާކް އާއި ތިން ފަހަރެއްގެ މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓޮމް ކުރީންނާއި އާއި 2007 ވަނަ އަހަރު ލޯގް ބޯޑް މާސްޓާގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފިލް ރަޒްމަން ހިމެނެ އެވެ.

މިފަހަރުގެ މުބާރާތުގައ ބޭރު ރާޅާ އެޅުންތެރިންގެ އިތުރުން ދިވެހި ރާޅާ އެޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ދިވެހި އަށް ރާޅާ އެޅުންތެރިން މިފަހަރުގެ މުބާރާތުގައި ބައިވެރިވި އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާ އިރު، އެއްވަނަ އަށްދާ ފަރާތަކަށް 25000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25000ރ.ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޯސީޒަން ރިސޯޓުން ބުނެ އެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.