29 Aug 2012, 21:16
ވެރިކަން ބަދަލުވި ގޮތް ބެލުމަށްފަހު ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) އިން މާދަމާ ނެރޭ ރިޕޯޓާއެކު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގަން ބަޔަކު ރޭވި ނަމަވެސް، އަމަން އަމާން ކަމާއި މަސްލަހަތު ގެއްލޭފަދަ އަމަލެއް ކުރި ނަމަވެސް އެފަރާތެއް ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ދީފި އެވެ.
ނޫސް ބަޔާނެއް މެދުވެރިކޮށް ހޯމް މިނިސްޓްރީން މިރޭ ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން އުފައްދާފައިވާ ކޮމިޝަންގެ ރިޕޯޓް މާދަމާ ނެރެން ހަމަޖެހިފައިވާއިރު އެކަމާ ގުޅިގެން ރާއްޖޭގައި ހަމަނުޖެހުމާއި ޖަރީމާ ހިންގަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތުތައް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މި ގޮތުން ށ. ފީވަކުގައި ހުންނަ ރައްޔިތުންގެ އެދުރުވެހީގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ހުޅުޖަހައި އަނދާލާފައިވާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ މިކަންކަމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ރައްޔިތުންނަށާއި ގެދޮރަށާއި ފައިސާއާ ތަކެއްޗަށް އެއްވެސް ގެއްލުމެއް ދިނުމެއް ރާވާނަމަ އެފަރާތެއް ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވާނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެނގޭ ނަމަ ހިއްސާ ކުރަމުން ދިއުމަށް ވެސް ބަޔާނުގައި ބުނެ އެވެ.
"ރައްޔިތުންގެ ގެދޮރަށާއި ފައިސާ އަށާއި ތަކެއްޗަށް އެއްވެސް ގެއްލުމެއް ދިނުމަށް ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިނގުމަށް ބަޔަކު ނުވަތަ މީހަކު ރާވާނާމަ އަދި ގައުމުގެ އަމާން ކަމާއި ސުލްހަ މަސްލަހަތު ގެއްލޭ ފަދަ ނުރައްކާތެރި އަމަލެއް ވިޔަސް ކުރަމުން ގެންދާނަމަ އެބަޔަކު ނުވަތަ އެމީހަކު ހިފައި ހައްޔަރުކޮށް އެ މައްސަލައެއް ތަހުގީގުކޮށް ޝަރީއަތަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނަނީ ހޯމް މިނިސްޓްރީއަކީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކޮށް ސުލްހަ މަސަލަސްކަން ގާއިމްކޮށް އާންމު ސަލާމާތާއި ރައްކާތެރިކަން ގާއިމް ކުރުމަށާއި ރައްޔިތުންގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އެއްބާރުލުންދީ ފުލުހުންގެ ހިދުމަތުގެ ބެލެނިވެރި ފަރާތްކަމަށްވީ ހިނދު ރާއްޖޭގެ އަމާން ކަމާއި ރައްކާތެރި ކަމަށްޓަކައި ގައުމީ ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ގާނޫނު އަސާސީ އާއި ގާނޫނުގެ އިމުގެ ތެރެއިން އަޅާނެ ކަމަށެވެ.