29 Aug 2012, 20:27
ކެމަރޫން އަތުން 3-1 އިން މިރޭ ބަލިވުމުން ރާއްޖެ ކަޓައި އިންޑިޔާ އާއި ކެމަރޫން ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންޑިޔާ އާއި ކެމަރޫން ގްރޫޕް ފިޔަވަހީގައި ކުޅެން ޖެހޭ މެޗު ބާކީ އޮައްވައި މިދެ ޓީމު ފައިނަލަށް ދިޔައީ އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ފައިނަލަށް ވާދަކުރި ރާއްޖެ އަށް މި ދެ ޓީމާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ނުކުރެވޭނެތީ އެވެ.
ސީރިއާ އާއި ނޭޕާލް ވެސް ވާދަ ކުރި މުބާރާތުގައި ރާއްޖެ އަށް ހަ ޕޮއިންޓް ލިބުނުއިރު ކެމަރޫނާއި އިންޑިޔާ އަށް މިހާރު ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަަލަށްދާ މުބާރާތުގައި ދެން ވާދަކުރި ނޭޕާލާއި ސީރިއާ އަށް ލިބިފައި ވަނީ އެއްޕޮއިންޓެވެ.
މިރޭގެ މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ އެފްރިކާގެ ޗެމްޕިއަންކަން ވެސް އެތައް ފަހަރަކު ހޯދާފައިވާ އަދި ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފައިވާ ކެމަރޫނެވެ. މެޗުގައި ކެމަރޫން ގޯލް ޖަހާފައިވަނިކޮށް ރާއްޖެ އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ އަކުރަމް އަބުދުލްގަނީ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ކެމަރޫން 2-1 އަށް ނަތީޖާ ބަދަލުކުރި އެވެ. ފަހު ހާފުގައި ކެމަރޫން ލަނޑު ޖެހީ ރާއްޖޭގެ މުހައްމަދު ޝިފާން (ކުޑައްޓޭ) ކުރި ފައުލަކާ ގުޅިގެންނެވެ. އަދި ރެފްރީ އަށް ބޭއަދަބީކޮށް މުހާތަބް ކުރުމުން އަސްއަދު އަލީ (އަޑުބަރޭ) އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މެޗަށް ފަހު ދިވެހި ކުޅުންތެރިން ވަނީ ރެފްރީގާތުގައި އޭނާގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ޗެމްޕިއަން ޓީމަށް އެއްލައްކަ ޑޮލަރުގެ މުބާރާތުގައި ރާއްޖެ ވަނީ ސީރިއާ އާއި ނޭޕާލް އަތުން 2-1 އިން މޮޅުވެ އިންޑިޔާ އަތުން 3-0 އިން ބަލިވެފަ އެވެ.