29 Aug 2012, 19:54
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ އިން ނިންމާނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަން ސާބިތުވެ ނިމިއްޖެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ހަވީރު ވިދާޅުވީ ފެބްރްއަރީ މަހު 7 ވަނަ ދުވަހު ހިނގި ކަންކަމަކީ ބަޣާވާތެއް ނޫން ކަމަށް ސާބިތުވެ ނިމެއްޖެ ކަމަށާއި ވެރިކަން މަގުމަތީން ބަދަލު ކުރުމަށް މަޖުބޫރުވެއްޖެ ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންގެ ކިބައިން މިއެދެނީ ތިޔަ ބޭފުޅުންނަށް އަޅުގަނޑު މިގޮވާލަނީ ރާއްޖޭގެ ވެރިކަން މިރޭ ބަދަލުކުރުމަށް... ވެރިކަން މަގުމަތިން ބަދަލުކުރުމަށް،" ރައީސް ނަޝީދު ގޮވާލެއްވި އެވެ.
ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ރަނގަޅު ތަހުގީގެއް ކުރެވިއްޖެ ނަމަ ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވި ރާއްޖޭގައި ރައްޔިތުން އެދޭ ވެރިކަމެއް ބޭއްވޭނެ ކަމަށް ކުރިން އުންމީދު ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އިންކުއަރީ ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި އެދުވަހު ހިނގައި ދިޔަ އެތައް ކަމެއްގެ ހިމަނާފައި ނޯވެ ދާނެ ކަމަށް މިހާރު ގަބޫލް ކުރެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއް ދުށް މަންޒަރުތަކެއް. އެހެން ނަމަވެސް އަޅުގަނޑުމެން މަޑުކޮށްގެން ތިބީ އެރިޕޯޓުން އެކަންކަން ސާފުވެގެންދާނެ ކަމަށް. އޭރުވެސް އަޅުގަނޑުމެންނަށް އެނގޭ އެސާފުވި އެއްޗެއްގެ މައްޗަށް އަޅުގަނޑުމެންނަށް އިންސާފު ލިބިގެން ނުދާނެ ކަން. ކޯނީގެ ރިޕޯޓް މާދަމާ ނުކުންނައިރު އެއަމަލްތަކުގެ ވާހަކައެއް ނުހުންނާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާން ޖެހޭނެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އަޅުގަނޑުމެންގެ ވާޖިބެއް އެއީ މިރާއްޖޭގެ ވެރިކަން ހަމަމަގަށް ގެނައުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސް ނަޝީދު އަމަލް ކުރައްވާފައި ވަނީ ކޮމަންވެލްތާއި ރައީސް ނަޝީދާއި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. އެއެއްބަސްވުމުގައި އެރިޕޯޓް ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމަށާއި އެ ނިންމުން ގަބޫލް ކުރުމަށް އެއްބަސްވެފައިވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު އެގޮތަށް ގޮވާލެއްވިޔަސް ގާނޫނާ ހިލާފު އެއްވެސް ކަމަކަށް އިޖާބަ ނުދިނުމަށް ސަރުކާރުން ގޮވާލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދު އެވަނީ ސަރުކާރާއި ކޮމަންވެލްތާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައި. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ގޮތަކަށް ރިޕޯޓްގެ ނަތީޖާ ނުކުތަސް އެ ނަތީޖާ ގަބޫލުކުރައްވަން ޖެހިވަޑައިގެންނަވާނެ. ރައީސް ނަޝީދަކީ ކިހާވަރެއްގެ އިތުބާރު ހުރި ބޭފުޅެއްކަން ރާއްޖޭގެ ރައްޔިތުނަށް މިހާރު އެނގިގެންދާނެ، އަދި ރައީސް ނަޝީދަކީ ކިހާވަރަަކަށް އެއްބަސްވުންތަކަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަން ވެސް އެނގިގެންދާނެ. ސަރުކާރުން ރައްޔިތުންނަށް ގޮވާލަނީ ގާނޫނާ ހިލާފު ނުވުމަށް." އައްބާސް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ކުރުމަށް އެކުލަވާލައިފައިވާ ކޮމިޝަންގެ ތަހުގީގު ރިޕޯޓް މާދަމާ ހެނދުނު ނެރުމުގެ ކުރިން އެ ކޮމިޝަނުން އިއުލާން ކުރާނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށްރައީސް ނަޝީދު ވިދާޅުވެފައިވާ އިރު، އެމަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ އެކޮމިޝަނާ މެދު އިތުބާރު ކުރައްވާ ކަމަށާއި އެކޮމިޝަންގެ ނިންމުން ގަބޫލް ކުރައްވާނެ ކަމަށެވެ.