ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) އަށް ރައީސް މުހަންމަދު ނަޝީދުގެ ފަރާތުން އައްޔަން ކުރައްވާފައިވާ އަހުމަދު ސައީދު (ގަހާ ސައީދު) ކޮމިޝަނުން އިސްތިއުފާދެއްވި ނަމަވެސް ކޯނީގެ ރިޕޯޓަށް ރައީސް ނަޝީދު އިހުތިރާމު ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން، އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް ނަޝީދުވަނީ ކޯނީގެ ރިޕޯޓު ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެ ނަތީޖާ ގަބޫލު ކުރައްވާނެ ކަމަށް ކޮމަންވެލްތާއެކު އެއްބަސްވެވަޑައިގެންފައި ކަމަށާއި ދިވެހި ސަރުކާރުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"ގަހާ ސައީދު އިސްތިއުފާދެއްވި ނަމަވެސް، އޭގެ ކުރިން ނަޝީދު ވަނީ ކޮމިޝަންގެ ރިޕޯޓް ކޮންމެ ގޮތަކަށް އަޔަސް ގަބޫލު ކުރައްވާނެ ކަމަށް ސޮއިކުރައްވާފައި. އޭގައި ކޮމަންވެލްތުން ސޮއިކުރެއްވީ ރާއްޖެ ކަނޑައަޅުއްވާފައި ހުންނެވާ މަންދޫބު ސާ ޑޮނަލްޑް މެކަނަން، އަދި ސަރުކާރުން ވެސް ވަނީ ސޮއިކޮށްފައި، އެހެންވީމަ ނަޝީދު ޖެހިވަޑައިގަންނަވާނެ އިހުތިރާމު ކުރައްވަން،" އައްބާސް ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ކޯނީގެ ރިޕޯޓަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ހަމަނުޖެހުން ނުހިންގުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސައީދު އިސްތިއުފާ ދެއްވުމަކީ ކޮމިޝަންގެ ރިޕޯޓުގެ ސައްހަކަމާމެދު ސުވާލުއުފެދޭނެ ކަމެއް ނޫން ކަމަށެވެ.

"ނަޝީދު މިވަނީ ކޮމިޝަންގެ ސައްހަކަމާއި އެ ރިޕޯޓުގެ ސައްހަކަމަށް މާކުރިން އެއްބަސްވެފައި،" އައްބާސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން، ހާމިދު އަބްދުލް ގަފޫރު މިނިވަން ރެޑިއޯއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަހާ ސައީދު އިސްތިއުފާދެއްވި ސަބަބުތަކަށް ބަލާނަމަ ކޮމިޝަންގެ ރިޕޯޓުގައި ސައްހަކަމާ މެދު ވަރަށް ބޮޑަށް ސުވާލުއުފެދޭ ކަމަށާއި ކޮމަންވެލްތުން ވެސް އެ ކަންތައްތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

"ކުރީގެ މެންބަރުން ކުރެއްވި މަސައްކަތްވެސް ހިމެނިފައި މި އޮތީ އާ ކޮމިޝަންގެ ރިޕޯޓުގައި ވެސް، އަދި ސިފައިންގޭގެ ވީޑިއޯ ފުޓޭޖްތައް ވެސް ރަނގަޅަށް ލިބޭކަށްނެތް، އަދި ބޭރުގެ ފަނޑިޔާރު 30 ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގައި، ބައެއް ޖެނެރަލުންގެ ފަރާތުން މައުލޫމާތު އެކެއް ނުކުރޭ. މިކަންތައްތަކަށް ބަލާނަމަ ރިޕޯޓުގެ ސައްހަ ކަމާ މެދު ވަރަށް ބޮޑަށް ސުވާލުއުފެދޭ، އަދި ކޮމިޝަން މުޅިންހެން ފެއިލްވުމައި ގާތްވީކަމަށް ބުނެވިދާނެ،" ހާމިދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރުގެ ހާލަތަކީ ކޮމިޝަންގެ ހޯދުންތަކާ މެދު ހިޔާލުތަފާތުވެފައިވާ ހާލަތެއް ކަމަށާއި މިހާލަތުގައި އެ ހޯދުންތަކާ މެދު ދެންވެސް ގޮތް ނިންމަން ޖެހޭނީ ކޮމަންވެލްތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް އާންމު ކުރަން ނިންމާފައިވަނީ މާދަމާ 10:00 ޖަހާއިރު ރައީސް އޮފީހުގައި އޮންނަ ޖަލްސާއެއްގަ އެވެ. ގަހާ ސައީދު ކޯނިން އިސްތިއުފާދެއްވީ މިރޭ 7:00 ޖަހާކަން ހާއިރު އެވެ. ރައީސް ނަޝީދު މިއަދު ހަވީރު ވިދާޅުވެފައިވަނީ އެމްޑީޕީން ގަބޫލުކުރާ ގޮތައް ވެރިކަން ބަދަލުވީ ބަޣާވާތަކުންކަން ކޯނީގެ ރިޕޯޓުގައި ނުނިންމާނެ ކަމަށެވެ. އަދި ވެރިކަން ވައްޓާލުމަށް އެ މަނިކުފާނު ކުރީގައި ހުންނަވައި މިރޭ މަގުތަކަށް ނިކުންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.