ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރުމަށް އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ރިޕޯޓު ނެރުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަން ވެފައިވަނިކޮށް އެ ކޮމިޝަނުގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ގަހާ އަހުމަދު ސައީދު މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ގަހާ ސައީދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއަދު ވިދާޅުވީ ކޯނީގެ މެންބަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ ކޯނީގެ ރިޕޯޓުގައި ކުށްވެރިވެފައިވާ މީހުންނަށް ފިވަޔަވަޅު އެޅޭނެ ގޮތައް ކަނޑައަޅާފައި ނެތުމާއި އަދި ދެން މި ރާއްޖެއަށް "ޔުނީކް ކޫ" ގެނުވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައް ރިކޮމެންޑޭޝަންގެ ގޮތުގައި ހިމަނުއްވާފައި ނުވާތީ ކަމަށާއި ރައްޔިތުންގެ އުދާސްތަކަށް ފިނި ކަމެއް ގެނެސް ނުދޭނެ ކަމެއް ގައި ޝާމިލް ވާން ބޭނުން ނުވާތީ ކަމަށެވެ.

"އަޅުގަނޑު މިއަދާ ހަމައަށް ވެސް މަސައްކަތްކުރީ މިކަން ހާސިލްވޭތޯ. ނަމަވެސް މިއިން އެއްވެސް ކަމެއް ހާސިލް ކުރެވޭނެ ގޮތް ނުވުމުން އަޅުގަނޑު އިތުރަށް މި ކޮމިޝަނުގައި އިނުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކި. އަދި މިއީ އަޅުގަނޑު ހިލޭ ސާބަހަށް ގައުމަށް ކޮށްދިން މަސައްކަތަކަށްވާ ހިނދު. ރައްޔިތުންގެ ހިތްތަކަށް އުދާސް ތަކަށް ފިނިކަމެއް ގެނެސް ނުދޭނެ ކަމަކަށް އަޅުގަނޑު އިތުރަށް ޝަމިލްވާން ބޭނުން ނުވާތީ ކޯނީގެ މެންބަރު ކަމުން އިސްތިއުފާދީފިން،"

އޭނާ ވިދާޅުވީ ކޯނީގައި ރައީސް ނަޝީދުގެ ތަމްސީލްކުރާ މީހެއްގެ ގޮތުގައި އޭނާ އިންނެވި ފެބްރުއަރީ ހަތެއްގައި ހައެއް ހަތެއްގައި އަދި އަށެއްގައި ހިނގާ ދިޔަ ކަންތައް ތަކުން ސުވާލު އުފެދުމުން ހަގީގަތް ބަޔާން ކޮށްދެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ހަމަ އެހެންމެ ކޮމިޝަނަށް މައުލޫމާތުދޭން ބޭނުންވި ހުރިހާ އެންމެންގެ އިންޓަވިއުތައް ނަގާ ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯ އިންތަކަށް ބަލާފައި ހަގީގަތް އޮޅުން ފިލުވާދޭނެ އެނާ އުއްމީދު ކުރިކަމަށް ވެސް ނޫސްވެރިނަށް ދެއްވި ސްޓޭޓްމަންޓުގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޯނީގެ ރިޕޯޓުގައިވާ އެއްޗެއް ހިއްސާ ނުކުރައްވާނެ ކަމަށް ވިދާޅުވެ އެއްވެސް ނޫސްވެރިޔަކު ކުރި ސުވާލާކަށް ގަހާ ސައީދު ޖަވާބު ދެއްވާފަ އެއްނުވެ އެވެ.