01 Sep 2010, 06:42
11:45
މި އަހަރުގެ ބައިބަލާ މުބާރާތް ނުބާއްވާނެ ކަމަށް އަޑު ފެތުރެމެންދާ ކަމަށް ބުނެ ބައިބަލާ މުބާރާތް ބޭއްވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ގިނަ އަދަދެއްގެ މީހުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު، މުލީއާގޭ ދޮށަށް އެއްވެ ޝުއޫރު ފާޅުކޮށްފި އެވެ.
މުލީއާގެ ކައިރިއަށް މީހުން އެއްވި އިރު އެ ސަރަހައްދުގައި ހުރި މީހަކު މިއަދު ބުނީ އެއްވުން ލީޑް ކުރަން ތިބީ ބައިބަލާ މުބާރާތުގައި ފެށުނީއްސުރެ ބައިވެރިވަމުން އަންނަ މަޝްހޫރު ނަންތައް ކަމަށާއި އެމީހުން އެއްވެ ތިބީ ރައީސުލްޖުމްހުރިއްޔާއާ ބައްދަލު ކުރުމަށް ކަމަށް ބުނަމުން ދިޔަ ކަމަށެވެ.
އިއްޔެގެ އިރު އޮއްސެންދަނިކޮށް އެއްވި މީހުން މެދުޒިޔާރަތާ ހަމައިން ފެށިގެން ސަފަކަށް މުންނާރާ ހަމަށް، ގާތްގަނޑަކަށް 150 ވަރަކަށް މީހުންނާ ގާތްކުރާ އަދަދަކަށް، މީހުން ގޮސް ތިބި ކަމަށް އޭނާ ބުންޏެވެ. "ޒުވާނުން ކުޅިވަރު ކުޅެން ބޭނުންވާ" ކަމަށް އިޝާރާތްކޮށްފައިވާ ފޮތިގަނޑަކާއި ބައިބަލާ މުބާރާތާ ބެހޭ ބައެއް ޝުއޫރުތައް ހިމަނާފައި ލިއުންތައް ހިފައިގެން ގިނައިން ތިބީ ޒުވާން ކުދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރެސް ސެކެއްޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ މުލީއާގޭ ދޮށަށް އެއްވީ ސަލާމަތީ ސަބަބުތަކަކަށްޓަކައި މި އަހަރުގެ ބައިބަލާ ނުބޭއްވޭނެ ކަމަށް ފުލުހުން ބުނާ ކަމަށް އުޅޭ އަޑުތަކެއް ފެތުރިގެން އެކަމާ ހިތްހަމަނުޖެހިގެން ކަމަށާއި އެއްވި ޒުވާނުން ބޭނުންވީ އެކަން ރައީސުލުޖުމްހޫރިއްޔާ އަށް ދަންނަވައި ބައިބަލާ މުބާރާތް ބޭއްވޭނެ ގޮތް ހަމަޖެހުން ކަމަށެވެ.
"އެމީހުން އެއްވެ ޝުއޫރު ފާޅު ކުރަން ފެށުމުން ރައީސް މުލީއާގޭ މައި ގޭޓުން ނުކުމެ ވަޑައިގެން އެ މީހުންނާ ބައްދަލުކުރައްވާފައި ވަނީ. އަދި އެމީހުން އެދުނު ކަންތައް ބައްލަވައި ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވި،" ޒުހައިރު ވިދާޅުވި އެވެ. "އެކަންތައް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވުމުން އެކުދިންތައް ހިނގައްޖެ، އެމީހުން އެއްވެ ތިބީ ސުލްހަވެރިކަމާ އެކު،"
ޒުހައިރު ވިދާޅުވީ ބައިބަލާ މުބާރާތާ ބެހޭ ގޮތުން ބައްލަވަން ޖެހޭ ކަންތައްތައް މިހާރު ބައްލަވަމުންގެންދަވާ ކަމަށެވެ. ބައިބަލާ މުބާރާތަކީ ކުރިން ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އައި މުބާރާތެކެވެ.