29 Aug 2012, 17:50
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް މުހައްމަދު ވަހީދު އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓާ ގުޅިގެން ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު އޮބްޒާވްކުރުމަށް އެދިފައިނުވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިއްތިހާދެއް ކަމުގައިވާ ދަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ހިއުމަން ރައިޓްސް އިން މާދަމާ ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާނެއް ނެރެފައިވަނިކޮށެވެ. އެނޫސްބަޔާނުގައި އެފަރާތުން ވަނީ ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ރާއްޖެ އަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ދިއުމަށް ގޮވައިލައިފަ އެވެ.
އައްބާސް ވިދާޅުވީ އިންކުއަރީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ހަމަނުޖެހުންތަކެއް ހިނގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލި ވެގެން ހިނގާދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް އެފަދަ ހާލަތަކަށް ކަންތައްތައް ދިއުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށާއި އެފަދަ ހަމަނުޖެހުންތަކެއް ހިނގުމަށް ފުރުސަތު ލިބިގެން ނުދާނެ ކަމަށެވެ. އަދި މާދަމާ ރާއްޖޭގެ މަސްރަހު އޮބްޒާވްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތްތަކުން ހަރަކާތްތެރިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ކޯނީގެ ރިޕޯޓް ނެރުމާ ދިމާކޮށް އެއްވެސް ފަރާތްތަކުން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދިފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފަދަ ހަމަނުޖެހުންތަކެއް ނުހިނގާނެ، ހިނގިޔަ ވެސް ސަރުކާރުން ނުދޭނެ، ކޯނީގެ ރިޕޯޓަކީ ނިމުމެއް، ފެށުމެއް ނޫން. އެހެންވެ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް އަންނާނީ. އެއީ ކޯނީއަކީ އެބޭފުޅުން ބޭނުންވި ގޮތަށް އުފައްދާފައިވާ ކޮމިޝަނަކަށްވާ އިރު އެކޮމިޝަންގެ ނިންމުމާ ގުޅިގެން މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމަށް އަންނަން ވާނީ ނިމުމެއް،" އައްބާސް ވިދާޅުވި އެވެ.
ދަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ހިއުމަން ރައިޓްސް އިން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ކޯނީގެ ރިޕޯޓް ނެރުމާ ގުޅިގެން ހަމަނުޖެހުން ހިންގާފާނޭ ކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެފަ އެވެ. އަދި ރާއްޖެގެ އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް ގޮތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ބައިނަލް އަގުވާމީ ފަރާތްތަކުން ވީއެންމެ އަވަހަަށް ރާއްޖެއަށް އޮބްޒާވަރުން ފޮނުވުމަށް ވެސް އެބަޔާނުގައި ގޮވާލައިފައިވެ އެވެ.