އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން އެގޮތަށް ބުނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަލުން ފަށައި މިސައިލް ގާބިލްކަން ބިނާކުރަން މަސައްކަތް ކުރާނަމަ އިތުރު އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެންނެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ފްލޮރިޑާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުން ކޮންމެ އުދުވާނަކަށް ދޭ ރައްދަކީ ހަރުކަށި އަދި ހިތާމަވެރި ރައްދަކަށް ވާނެ ކަމަށެވެ.

ޖޫން މަހު ދިން ހަމަލާތަކުގެ ސަބަބުން އީރާނުން ވަރަށް ބޮޑަށް ބެލިސްޓިކް މިސައިލް ސްޓޮކްޕައިލް މަދުވެފައިވާ ކަމަށާއި، އީރާނުން މަޑުމަޑުން އަލުން މިސައިލް ތަރައްގީކުރަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އޮފިޝަލުން ވަނީ ފާއިތުވި ހަފްތާތަކުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީރާނުގެ މިސައިލް ގާބިލު ކަމަށްވުރެ ބޮޑަށް ފޯކަސް ކުރާނީ ނިއުކްލިއާ ޕްރޮގްރާމަށް ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނި ނަމަވެސް އީރާނުގެ މިސައިލް ގާބިލު ކަމަކީ އިސްރާއީލުން އަބަދުވެސް ކަޅިއަޅާ ކަމެކެވެ.

ނިއުކްލިއާ ހަރަކާތްތަކަކީ ހަމައެކަނި މަދަނީ ބޭނުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް އީރާނުން އަބަދުވެސް ބުނެއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ޖޫން މަހު ދިން ހަމަލާތަކުގެ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާއަށް ވެސް އަދި އދ ގެ ނިއުކްލިއާ ވޮޗްޑޯގަށް ވެސް އިރާނުން އެޓޮމިކް ހަތިޔާރު އުފެއްދި ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.

ޖޫން މަހު ދިން ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެގައުމުގެ މިސައިލް ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައްވެސް ވަނީ ހުއްޓާލާފައެވެ.

އެ ހަމަލާތަކުގައި އިސްރާއީލުން އީރާނުގެ 27 ޕްރޮވިންސަކަށް 12 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 360 ހަމަލާ ދީފައިވާ ކަމަށް ކޮންފްލިކްޓް މޮނިޓަރިން ގްރޫޕް އޭސީއެލްއީޑީ އިން ބުނެއެވެ.

މި ހަމަލާގައި އީރާނުގެ ގާތްގަނޑަކަށް 1،000 ބެލިސްޓިކް މިސައިލް ނައްތާލާފައިވާއިރު، 30 އަށް ވުރެ ގިނަ އިސް އަސްކަރީ ކޮމާންޑަރުންނާއި ގާތްގަޑަކަށް 11 ނިއުކްލިއާ ސައިންސްވެރިން ވަނީ މަރުވެފައެވެ.

މި ހަނގުރާމައިގެ ތެރޭގައި އީރާނުން އިސްރާއީލަށް 500 އަށް ވުރެ ގިނަ މިސައިލް ފޮނުވާފައިވާއިރު، ގާތްގަނޑަކަށް 36 މިސައިލް އަމާޒުކޮށްފައި ވަނީ އާބާދީ ބޮޑު ސަރަހައްދުތަކަށެވެ. ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ގާބިލްކަން މުޅިން ނައްތާލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ތަޖުރިބާކާރުން އެކަމާ ދެކޮޅު ހައްދަވައެވެ. އަދި އީރާނުގައި ޔޫރޭނިއަމްގެ ސްޓޮކް ފޮރުވާފައި ހުރެދާނެ ކަމަށާއި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔޫރޭނިއަން މުއްސަނދިކުރަން އަލުން ފެށުން އެކަށީގެންވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ގެއްލުންތައް ލިބުނު ނަމަވެސް، ކުރިމަތިލުންތަކަށް އެ ގައުމު މިހާރު އޮތީ މާރަގަނޅަށް ތައްޔާރުވެފައި ކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ.