04 Jan 2026, 09:23
އަލިފާންގަނޑު ދޮށުގައި އިނދެ ކިޔަވަ ކިޔަވާފައި، އޭނަ ނެގީ ވެލި މުށެކެވެ. ދެން ބަލައިލީ ނާވީމެންނާ ދިމާލަށެވެ.
އޭރުވެސް އޭނަ އަތް ކަނޑައިލިތަނުން ލޭތައް އޮހެމުން ދިޔައެވެ. ފުމެލުމާއެކު އޭނަ އަތް ހޫރައިލީ ނާވީއާ ދިމާލަށެވެ. އެހެންނަމަވެސް އެ ހަމަލާ ނާވީއާ އަރާ ހަމަވުމުގެ ކުރިއަށް އެ ދެމެދަށް ވަނީ އިންޖާބެވެ. އެވަގުތު ހީވީ ހޫނުކޮށް ކެކެމުން ދިޔަ ތެޔޮ އެއްޗަކަށް، ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އެއާއެކު ދެވަނަ ސިކުންތުގައި އިވިގެން ދިޔައީ އިންޖާބުގެ ބާރު ހަޅޭކުގެ އަޑެވެ، ގަސްތަކުގެ ތެޅުން އިހުނަށްވުރެ ބާރުވެ ދެންމެ ދެންމެ ހީވީ މުލުން ލުހިގެން ހިނގައިދާނެހެންނެވެ.
އެންމެންނަށް އެއްފަހަރާ އިންޖާބާ ދިމާލަށް ބަލައިލެވުނުއިރު، ބާރަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. ނާވީއަށްވެސް ބާރަކަށް އިންޖާބަށް ގޮވައިލެވުނެވެ. އިންޖާބުގެ ހަޅޭކުގެ އަޑާއެކު އިސާހިތަކު ހާމިދުގެ ލޯމައްޗަށް އިންޖާބުވެސް ފެނިއްޖެއެވެ. އޭނަ ކުއްލިއަކަށް ސިހުނެވެ. މަޑުމަޑުން ސިފަވަމުން ގޮސް އޭނައަށް ބަތީލާއާ ޝައިސްތާއާވެސް ފެނިއްޖެއެވެ. ނަމީރުވެސް މެއެވެ. އަތުން އޮހެމުން ދިޔަ ލޭތައް ކޮންޓްރޯލްކުރުމުގެ ގޮތުން ފޮތިގަނޑެއް އައްސައިލިއިރު ވެސް ހާމިދު ދިޔައީ އެ ކިޔަވަމުން ދިޔަ އެއްޗެއް ކިޔަވަމުންނެވެ.
އިންޖާބުގެ ހަށިގަނޑު ބިންމަންޗަށް ވެއްޓު ޖެހުނުއިރު، އޭނަގެ ގައި ހީވަނީ ފިހެމުން ދިޔަހެންނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވޭ ޙާލު އޭރުވެސް އޭނާ ދިޔައީ ހަޅޭއްލަވަމުންނެވެ. ބަތީލާމެން އެންމެން އެތަނުގެ ޖިންނީންނާ ކުރިމަތިލާ އެމީހުން ބަލިކުރުމަށްފަހު ގޮސް އިންޖާބުގެ ކައިރީގައި އިށީނދެލިއެވެ. އެންމެން އޭނަ ވަށާލިއިރު، ހާމިދާ ދިމާލަށް އެނބުރުނީ ރައާބިލްއެވެ. އޭނަގެ ދަރިފުޅަށް ސިހުރު ހަދާ މީހަކަށް އޭނަ ދުވަހަކު މާފެއް ނުކުރާނެއެވެ. ހާމިދުމެން ފަދަ ސިހުރުވެރިން ޖެހޭނީ މި ދުނިޔެއާ އަލްވަދާޢު ކިޔާށެވެ. އޭނަ ހާމިދާ ދިމާލަށް ދިޔަވަގުތު މަޑުޖެހުނީ ހާމިދު ކުއްލިއަކަށް ފަރާތް ފަރާތަށް ބަލަބަލާފައި ތެޅެން ފެށި ގޮތުންނެވެ. އޭނަ ތުން ތަޅުވަ ތަޅުވާފައި އެއްޗެހިތަކެއް ކިޔަވަމުން ދިޔަ ނަމަވެސް، މިފަހަރު އެއިން އެއްވެސް އެއްޗަކުން ފައިދާއެއް ނުކުރިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނަ ޤައިދުކޮށްފައިވާ ޖިންނިތައް އޭނަގެ ޤައިދުން މިނިވަންވީއެވެ. އެމީހުންނަށް ހާމިދު ދިން އަނިޔާގެ ބަދަލު ހިފަން ބޭނުންވީއެވެ. އެ ހުރިހާ ޖިންނިތައް ވެގެން ހާމިދާ ކުރިމަތިލުމުން އޭނައަށްވެސް ހަދާނެ ގޮތް ހުސްވީއެވެ. ގެނައި ސާމާނުތައް ހުރިތަނުގައި ބަހައްޓާފައި އޭނަ ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ހީވީ އޭނަގެ ފައި ބިމުގައި ހަރުލިހެންނެވެ. ކުރިއަށް ފިޔަވަޅު އަޅަން ހަށިގަނޑުގައި ހުރި ބާރު ލީ ނަމަވެސް، އެކަމެއްވެސް އޭނައަކަށް ނުކުރެވުނެވެ. އޭރު ގިނަ މަޚްލޫޤުންތަކެއް އައިސް އޭނަ ވަށާލައިފިއެވެ.
ހާމިދު ހިން ދިރުވައިލިއެވެ. އޭނަ ހަމަ ރަނގަޅަށްވެސް ޖެހިލުންވެ ގޮތް ހުސްވެއްޖެއެވެ.
"ކަލޭމެން އަހަރެންގެ އަތުން އަނދައިގެން ދާން ބޭނުން ނޫނިއްޔާ އަހަންނަށް ކިޔަމަންވޭ..." ހާމިދު ފަހު ފަހަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނަގެ އެ ވާހަކައާއެކު މިފަހަރު އެއިން އެއްވެސް މަޚްލޫޤެއްގެ މޫނުމަތީން ޖެހިލުންވުމެއް ނުފެނުނެވެ. އެހެންނަމަވެސް އެ އެއްޗެހީގެ މޫނުމަތީން މިހާރު ފެންނަނީ މަލާމާތުގެ އަސަރުތަކެކެވެ. ބިރުވެރި އަޑުތަކުން ތަނަށް ނާމާންކަންވަނީ ފެތުރިފައެވެ. ހާމިދު ބިމުން މައްޗަށް ވައިގެ ތެރެއަށް އުފުލިގެން ދިޔައެވެ. އޭރު އޭނަގެ ކަރުގައިވެސް ހީވަނީ ނުފެންނަ އަތަކުން ހިފާފައިވާ ހެންނެވެ. އަނގައިން ލޭތައް އޮހޮރެން ފެށީ ދެނެވެ. އޭނަގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ސިހުރު ނުބައިކޮށް ހެދުނު ނަމަވެސް، އެކަމުގައި ފުރާނަ ގޮސްދާނެކަމަށް ހީކުރެވިފައެއް ނެތެވެ. އޭނަ ހީކުރީ އޭނަގެ ތަޖުރިބާގެ އެހީގައި އެހެން ކޮންމެ ފަހަރެކޭ އެއްގޮތަށް، އޭނައަށް ހުރިހާ ޖިންނީން ކިޔަމަން ކުރުވޭނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކުށްހީއެއްކަން އޭނައަށް އިޙްސާސްވެއްޖެއެވެ. ސިހުރުގެ ނުރައްކާތެރިކަމާއި އޭގެ ނުބައިކަން އެނގިހުރެ ހާމިދު މިހުރިހާ ދުވަހު މަސައްކަތްކުރީ ދުނިޔަވީ ބޭނުންތައް ހާސިލްކުރުމަށެވެ. އޭނައަށް ސިހުރު ހަދައިގެން ލިބޭ ފައިސާއަށް ދަހިވެތިވާ ޙާލުގައެވެ. އޭނަގެ މޮޅުކަމަށް އަބަދވެސް ހާމިދު ފަޚުރުވެރިވިއެވެ. އެހެންނަމަވެސް، މި ވަގުތު އޭނަ އެވަނީ ނިކަމެތިވެފައެވެ. ފުރާނަ ހަށިގަނޑާ ވަކިވަނީކަން އެނގޭޙާލު ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މަރަށް އޭނަ އަދި ތައްޔާރެއް ނޫނެވެ. އަދިވެސް ދުނިޔޭގައި އުޅެލަން ބޭނުމެވެ. އެހެންނަމަވެސް ދެން ހާމިދަށް ކުރެވޭނީ ކީއްހެއްޔެވެ؟ މަރަކީ ކޮންމެ އިންސާނަކުވެސް، އަދި ކޮންމެ މަޚްލޫޤަކުވެސް ކުރިމަތިލާން ޖެހޭ ހަޤީގަތެކެވެ. ނޭނގެނީ ތިމާ މަރުވާނެ ގޮތާއި، ވަގުތެވެ. އެހެންކަމުން އަހަރެމެން އެންމެންނަށްވެސް ކުރެވޭނެ ކަމަކީ، މަރަށް ތައްޔާރުވެ ތިބުމެވެ.
ހާމިދުގެ ފުރާނަ އޭނަގެ ހަށިގަނޑާ ވަކިވެގެން ދިޔުމާއެކު އޭނަ އައިސް ބިންމައްޗަށް ވެއްޓުނެވެ. އެހެންނަމަވެސް، ދެންވެސް އެ މަޚްލޫޤުންތައް ހުއްޓައެއް ނުލައެވެ. ހާމިދުގެ ހަށިގަނޑަށްވެސް އަނިޔާދިނެވެ. އެންމެފަހުން އެތަނުން ދިޔައީވެސް ހާމިދުގެ ހަށިގަނޑު ހިފައިގެންނެވެ. އެ މަންޒަރު ނަމީރުމެން އެންމެނަށްވެސް ފެނުނެވެ. ތަނުގެ ހަލަބޮލިކަން ވެސް ކެނޑިގެން ދިޔައެވެ. ވައިމަޑުވެ، އިރުއިރުކޮޅުން ވަމުން ދިޔަ އަލިކަންވެސް ކެނޑިގެން ދިޔައެވެ.
އެ މަންޒަރު ބަލަން ހުރި ރައާބިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ދެން ބަލައިލީ އިންޖާބަށެވެ. އޭރު ބަތީލާއާއި ޝައިސްތާއާ ނަމީރުގެ އިތުރުން ނާވީވެސް ދިޔައި ރޮމުންނެވެ. ޚާއްސަކޮށް ބަތީލާއެވެ. އޭނަގެ ގިސްލުމުގެ ވޭނީ އަޑުވަނީ މުޅިތަނަށް ފެތުރިފައެވެ. އިންޖާބުގެ ފައިން ފެށިގެން މައްޗަށް އަރަމުން ދިޔަ ހޫނާއެކު އޭނައަށް އިޙްސާސްކުރެވެނީ މުޅި މީހާ ދިރިހުއްޓާ އަނދަނީހެންނެވެ. ކޮންމެވެސް ވަރަކަށް ދުމެއްގެ އަސަރުވެސް ހުއްޓެވެ.
"ރަ...ރަ..އާބިލް..." އިންޖާބުގެ އަނގައިން ބޭރުވީ ބަސްތަކާއެކު، ރައާބިލް މަޑުމަޑުން ގޮސް އިންޖާބުގެ ކައިރީގައި ހުއްޓުނެވެ. އޭނަ އެދުނީ އޭނައާ ގާތަށް ތިރިވުމަށެވެ. ރައާބިލް ނަމީރަށް ބަލައިލުމުން ނަމީރު ބޯ ޖަހައިލިއެވެ. އޭނަގެ މޫނުމަތީންވެސް ފެންނަނީ އާދޭހުގެ އަސަރުތަކެކެވެ.
"އަހަންނަށް... އަހަންނަށް މާފުކުރޭ..." ރައާބިލްއަށް ބަލައިލުމަށްފަހު އިންޖާބު އުނދަގުލުން ވާހަކަ ދެއްކިއެވެ. އިންޖާބުގެ ކަރުނަ ފައިބަމުން ދިޔަ ދެލޮލުގައިވަނީ އޭނަ މާފަށް އެދި އާދޭސްކުރާ އަސަރުތަކެވެ. މީގެކުރިން އޭނަ ރައާބިލްއަށް ދިން އަނިޔާތަކުން ރައާބިލްއަށް ވާނެ ގޮތް އޭނައަށް އެބަ އަންދާޒާކޮށްލެވެއެވެ. ރައާބިލްއަކީ ހިތްހަރު މީހެއް ނޫނެވެ. މަރުމަތީގައި އިންޖާބު އެ އެދުނު އެދުން ފުރިހަމަނުކޮށްދީ ހުންނާކަށް އޭނައަކަށް ނުކެރުނެވެ. އެންމެފަހުން ރައާބިލް އިންޖާބަށް މައާފު ކޮށްދިނީއެވެ. އެއާއެކު އިންޖާބުގެ ބޮލުން ހީވީ ބޮޑު ބަރުއެއްޗެއް ނަގާ އެއްލައިލިގެންނެވެ. އަޅަމުން ދިޔަ ވޭނުން ކުޑަވެސް ލުޔެއް އޭނައަށް ލިބުނީ ދެނެވެ. ދެން އޭނަ ބަލައިލީ ނަމީރުމެންނަށެވެ. ފަހަރަކު މީހެއްގެ މޫނަށް ވަކިވަކީން ބަލައިލުމަށްފަހު އިންޖާބު މާފަށް އެދުނެވެ. ނާވީއާ ދިމާލަށް އަތް ދިއްކޮށްލުމުން ނާވީ އެ އަތުގައި ހިފައްޓައިލާފައި އެއަތަށް ބޮސްދީފައި މާފަށް އެދުނެވެ.
"ކާފަ ނުޖެހޭނެ މާފަށް އެދޭކަށް. އަޅުގަނޑަށް މާފުކޮށްދެއްވާ..." ނާވީގެ ދެލޮލުން ވެސް ކަރުނަ ފައިބަނީއެވެ. ކާފައާ ދެކޮޅަށް ކަންތައްތައް ކުރެވިފައިވީ ނަމަވެސް، އަދި އެ ކާފަގެ އުސޫލުތައް ކަމު ނުދިޔަނަމަވެސް، އެފަދަ ގޮތަކަށް ކާފަ ދުނިޔެއާ އަލްވަދާޢު ކިޔާކަށް އޭނަ ބޭނުމެއް ނޫނެވެ. ކާފަ އެ ޤުރުބާންވީ އޭނަގެ ފުރާނަ ސަލާމަތްކުރުމަށްޓަކައެވެ. ކިތަންމެ ހަރުކަށިނަމަވެސް، އޭނައާ މެދު ކާފަގެ ހިތުގައި އިންތިހާ ލޯބިވާކަން ނާވީއަށް ފަހުންވި ހިނދު އޭނަގެ މޭގައިވެސް ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. ކުރެވުނު ކުށްވެރި އިޙްސާސުން އިސްޖަހައިލެވުނެވެ.
"އަޅުގަނޑަށް މާފުކޮށްދެއްވާ ކާފާ..." ނާވީއަށް ދެންވެސް ބުނެވުނީ އެހެންނެވެ. އޭނަ އިންޖާބުގެ އަތުން ދުލެއް ނުކުރެއެވެ. އެއިން ގޮތަށް އިނީއެވެ.
"ރަނީމް.... ރަނީމް ގާތުން ވެސް... ކާފަ މާފަށް އެދެން ބޭނުން...." ރައާބިލް ބުނެލިއެވެ. އަޅާ ވޭނުން އިންޖާބަށް ވާހަކަ ދައްކަން ވެސް ދަތިވެގެން ދިޔައެވެ. ނާވީގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އޭނައާއި ރަނީމްގެ ގުޅުމަށް ކާފަގެ އާބަސް ލިބިގެން އެ ދިޔައީ ފަހަރެއްގައިވެސް އޭނަ ބޭނުންވި ގޮތަކަށް ނޫނެވެ.
"އިންޖާބު...." ބަތީލާއަށް ބުނެވުނެވެ. ލޯބިވާ ފިރިމީހާ އޭނައާ ވަކިވަނީކަން އެނގި އޭނަގެ ހިތްވެސް ހީވަނީ ގެނބިގެން ހިނގައިދާނެހެންނެވެ. އިންޖާބާ ނުލާ އޭނަ އުޅޭނީ ކިހިނެއްކަން ލަފާކޮށްލާކަށްވެސް ބަތީލާއަކަށް ނޭނގުނެވެ. އުމުރު ދުވަހު އެއްކޮށް އުޅުމަށް ބުނެފައި އިންޖާބު އެދަނީ ކީއްވެހެއްޔެވެ؟ އެހެންނަމަވެސް ކޮންމެ މަޚްލޫޤެއްވެސް މަރުވާނެއެވެ. މަރަކީ ދެރައީ މިފަދަ ގޮތަކަށް އިންޖާބު ދުނިޔެ ދޫކޮށްފައިދާތީއެވެ.
"އަހަންނަށް މައާފު ކުރޭ ބަތީލާ... ނަމީރު... ދަރިފުޅުވެސް.... ބަތީލާ... އަހަރެން... ވަރަށް ލޯބިވޭ... " އިންޖާބުގެ އެ ބަސްތަކާއެކު އޭނަގެ އަތުން ވަރު ދޫވެގެން ހިނގައްޖެއެވެ. އެހިނދު އޭނަގެ ދެލޯ މެރިގެން ދިޔައެވެ. އޭނަގެ ގާތުން އެރި ނޫފެހި އަލިކަމެއް ގަދަވެލާފައި ހިނދުނުއިރު، އިންޖާބުގެ ފުރާނަވެސް މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ހަމައެއާއެކު އެރި ދުމާއެކު އޭނަގެ ހަށިގަނޑުވެސް އަނދާ ހުލިވީއެވެ.
"އިންޖާބު...." ބަތީލާގެ ރުއިން ގަދަވެގެން ދިޔައިރު ޝައިސްތާ ބަތީލާ މަސަލަންކުރަން އުޅުނެވެ. ނަމީރަށްވެސް އިނދެވުނީ ހުއްޓުން އަރާފައެވެ. ރައާބިލް އޭނަގެ އެކުވެރިޔާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ހިތްވަރުކުރޭ ނަމީރު..." އޭނައަށް ބުނެވުނެވެ. "މަންމައަށާއި ނާވީއަށް ހިތްވަރު ދޭން ހުރި މީހަކީ ތީ...އަދި ޝަހަރުގެ ކަންތައްތަކާ ހަވާލުވާން ހުރި މީހަކީ ވެސް ތީ..." ރައާބިލް ފަހަރަކު މީހަކަށް ބަލައިލިއެވެ. އެ އެންމެންނަށް ވާނެ ގޮތް ރައާބިލްއަށް އަންދާޒާކޮށްލެވުނެވެ. އެހެންނަމަވެސް މިވަގުތު ނަމީރަށް ވިސްނައިދޭން އޭނަ ބޭނުންވިއެވެ. ނަމީރު ބަލިކަށިވުމަކީ އެންމެ ރަނގަޅު ގޮތަަށް ނުވާނެތީއެވެ.
ނަމީރު ކަރުނަ ފުހެލިއެވެ. އޭނަ ރައާބިލްއަށް ބަލައިލުމަށްފަހު ބޯ ޖަހައިލިއެވެ. އޭނައަށް ރައާބިލް އެބުނި ވާހަކަތައް ޤަބޫލުކުރެވެއެވެ. ކިތަންމެ ވަރަކަށް ރުޔަކަސް ދެނެއް އިންޖާބެއް ނާންނާނެއެވެ. މުސްތަޤުބަލުގައި ހުރިހާކަމަކާ ހަވާލުވާން ހުރީ އޭނަ ކަމަށްވީއިރު، ހިތްވަރުކުރަން އެބަ ޖެހެއެވެ.
*****
"ނާވީ..." ކުއްލިއަކަށް ފުންމައިގެން ތެދުވި ރަނީމްއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.
(ނުނިމޭ)