އެމްބީއޭ ޗެމްޕިއަންޝިޕްގެ ގުރޫޕް ދޭއްގައި ރޭ ކުޅުނު މެޗް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޓީރެކްސްއިން ކާމިޔާބު ކުރީ ހަރިކޭން ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 57 ޕޮއިންޓް 71 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސް ބާސްކެޓްބޯލް ކުލަބުގެ އަހުމަދު ޒަބީރެވެ. އެގޮތުން އޭނާ ވަނީ މެޗުގައި ޓީރެކްސް އަށް 16 ޕޮއިންޓް ހޯދައިދީފަ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެލްކިއު ސްޕޯޓްސް އާއި އެމްއެސް ހެލްޕިން ހޭންޑެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ޖަހާއިރު އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި ކުރިއަށްގެންދާ މިމުބާރާތު މިފަހަރު ވާދަކުރާނީ ފިރިހެން ޑިވިޒަންގެ އަށް ޓީމެވެ.

އެގޮތުން ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ޓީމް ތަކަކީ ދިވެހި ސިފައިންގެ ކްލަބާއި ރެޑްލައިން ކްލަބާއި އެލްކިއު ސްޕޯޓްސް އަދި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ. އަދި ގްރޫޕް ދޭއްގައި ވާދަކުރަނީ ހަރިކޭން ބީސީ އާއި ޓީރެކްސް ބީސީ އާއި ޕޮލިސް ކްލަބް އަދި ކްލަބް އީގަލްސް އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.