ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ފަސް ރާޅާ އެޅުންތެރިންނާ އެކު "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" މިއަދު ފަށައިފި އެވެ.

ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އާޅާ ފޮއިންޓްގައި މިއަދު ހެދުނު ކުރިއަށް ގެންދިޔައީ ސިންގަލް ފިން އިވެންޓެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ބޭރުގެ ފަސް ރާޅާއެޅުންތެރިންނަކީ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ރާޅާ އެޅުންތެރިންނެވެ. އެގޮތުން އެ ފަސް ރާޅާއެޅުންތެރިންނަކީ 1999 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ މާކް އާއި ތިން ފަހަރެއްގެ މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓޮމް ކުރީންނާއި 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މާޓިން ޕޮޓާ އާއި 2007 ވަނަ އަހަރު ލޯގް ބޯޑް މާސްޓާގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފިލް ރަޒްމަން އަދި ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއެވެ.

މިފަހަރުގެ މުބާރާތުގައ ބޭރު ރާޅާ އެޅުންތެރިންގެ އިތުރުން ދިވެހި ރާޅާ އެޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ދިވެހި އަށް ރާޅާ އެޅުންތެރިން މިފަހަރުގެ މުބާރާތުގައި ބައިވެރިވި އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާ އިރު، އެއްވަނަ އަށްދާ ފަރާތަކަށް 25000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25000 ރ. ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާކަމަށް ވެސް ފޯސީޒަން ރިސޯޓުން ބުނެއެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ ރިސޯޓުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި މަޝްހޫރު ރާޅާ އެޅުންތެރިންގެ ތެރޭގައި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އޮސްޓްރޭލިއާގެ މާކް ރިޗަޑްސް އާއި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެ ގައުމުގެ ލޭން ބީޗްލީ މި މުބާރާތުގައި ވާދަކުރި އެވެ.