29 Aug 2012, 17:07
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތް ބެލުމަށް ޓަކައި އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އެންކުއަރީ(ކޯނީ)ގެ ރިޕޯޓާ ގުޅިގެން ގައުމުގައި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް އަމަލުނުކުރުމަށް ބްރޯޑްކާސްޓަރުނަށް މޯލްޑިވުސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނަނީ ކޯނީން މާދަމާ ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓާ ގުޅިގެން ގައުމުގައި އުފެދިފައިވާ ސިޔާސީ އޮއިވަރުގެ ތެރޭގައި އަމަން އަމާންކަން ގެއްލި ހަމަނުޖެހުމަކަށް ހިތްވަރުލިބި ހަގީގަތް އޮޅިގެންދާނެ ގޮތަށް ބްރޯޑްކާސްޓްނުކުރުމަށާއި ގާނޫނުގައި ކަނޑައަޅާފައިވާ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި މިންގަނޑަށް ސަމާލުވުމަށް އެންމެހާ ބްރޯޑްކާސްޓަރުނަށް އެކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.
އަދި ބުނީ އެއްވުންތަކާއި މަގުމަތީގައި ހިންގާ ސިޔާސީ ހަރަކާތްތައް ކަވަރުކުރުމުގައި ސަލަމަތީ ބާރުތަކަށް އުނދަގޫ ނުވާ ގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މަގުމަތީގައި ހިނގާ ސިޔާސީ ހަރަކާތްތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުނަށް ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާ ހަނިވެ ނުދާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ސަލަމަތީ ބާރުތަކަށް ވެސް ގޮވަލާ ކަމަށެވެ.