29 Aug 2012, 16:45
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކުން ހަމަނުޖެހުމެއް އުފެދިދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ ކޯނީގެ ރިޕޯޓް ނެރުމަށް ހަމަޖެހިފައިވާ އިރު ހުރިހާ ފަރާތަކުން ވެސް ގައުމީ މަސްލަހަތު އިސްކޮށްގެން ކެތްތެރިކަމާ އެކު މަޝްވަރާ އިސްކުރުމަށް ގޮވާލާ ކަމަށާއި ރާއްޖޭގެ މަސްރަހު މިހާރު އޮތް ގޮތުން މިވަގުތު ރާއްޖެ އަށް އެންމެ މުހިންމީ މަޝްވަރާއާ އެކު ސުލްހަވެރި އެއްބަސްވުންތަކެއް ހޯދުން ކަމަށް އެކޮމިޝަނުން ދޭކެ ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ފަށާ މަޝްވަރާތަކުގައި އިހުލާސްތެރިކަމާއެކު ބައިވެރިވެ، މަޝްވަރާއާ އެކު ސުލްހަވެރި އެއްބަސްވުންތަކަކަށް އާދެވި ހައްލުތަކެއް ހޯދިގެންދިއުމަކީ މިވަގުތު މުހިންމު ކަމެއް،" އެޗްއާރުސީއެމްގެ ނޫސްބަޔާނުގައިވެ އެވެ.
މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އެކަކު އަނެއްގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި އެހައްގުތައް ބޭނުން ކުރުމުގައި ޒިންމާދާރުކަމާ އެކު އަމަލުތައް ބެހެއްޓުމާ އެކު ހައްގުތަކަށް އިހްތިރާމްކުރާ މާހައުލެއް ގާއިމްކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށް ވެސް އެޗްއާރުސީއެމުން ވަނީ ގޮވައިލައިފަ އެވެ.
ކޯނީގެ ރިޕޯޓް ނެރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 10:00 ގައި ރައީސް އޮފީހުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.