30 Dec 2025, 10:32
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ވިއްކަން ހުރި ބިދޭސީއެއް ހައްޔަރުކޮށް, އޭނާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ, ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަމުގެ ތުހުމަތުގައެވެ.
އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުން އެނގޭގޮތުގައި އޭނާ ހުއްޓުވާފައިވަނީ އެއާޕޯޓް ޓާމިނަލް ދޭއްގެ ޑްރޮޕް އޭރިއާގައި ޑޮލަރު މާރުކުރަން އުޅެނިކޮށެވެ. އޭނާގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތް ކަމަށް ވެސް އަމުރުގައިވެއެވެ.
އޭނާ މަސައްކަތް ކުރަނީ ކޮންތާކުކަމެއް އަދި އޭނާ ސްޕޮންސަރަކީ ކާކުކަން ބުނެ ނުދެވޭ ކަމަށް އަމުރުގައިވެއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ ރާއްޖޭގައި ޑިމާންޑް ބޮޑު ވިޔަފާރިއަކަށްވާއިރު އެކަން އެންމެ ގިނައިން ކުރާ މީހުންގެ ތެރޭގައި ބިދޭސީން ހިމެނެއެވެ. މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްތައް ކަމަށްވާއިރު ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ. އެހެންވެ ޑޮލަރަށް އޮންނަ ޑިމާންޑް ކުރިއަށް ވުރެން ބޮޑަށް ވަނީ އިތުރުވެފައެވެ.