އިސްލާމިކް މިނިސްޓްރީން ކޮންމެ މަހަކު 45،000.ރ ދައްކާ ގޮތަށް "ހިދާޔަތުގެ އަލި" މަޖައްލާ ނެރެން "ދި އިސްލާމް" އޮންލައިން ސައިޓް ހިންގަމުންދާ ޓީމާ މިއަދު ހަވާލުކޮށްފި އެވެ. "ހިދާޔަތުގެ އަލި" ނެރުން "ދި އިސްލާމް"ޓީމާ ހަވާލުކުރުމާ ބޭހޭ އެއްބަސްވުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި އެ އެބަސްވުމުގައި ދި އިސްލާމް ފަރާތުން ސޮއިކުރެއްވީ "ދި އިސްލާމް" އޮންލައިންގެ އެޑިޓަރު އަލީ އަހްޝަންނެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރަޓަރީ މުހައްމަދު ދީދީ އެވެ.

މި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ނެރުމަށް ހަމަޖައްސާފައިވާ ދީނީ މަޖައްލާ ނެރެދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ފަހު "ދި އިސްލާމް" ޓީމާ ހަވާލުކުރީ އެއީ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ މީހުން ކަމަށް ފެންނާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޖައްލާގެ ހުރިހާ ލިޔުންތައް ލިޔުމާ އަދި ޕްރިންޓް ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭނީ "ދި އިސްލާމް"ޓީމުން ކަމަށެވެ.

"އަޅުގަނޑުމެން އަތަށް ގެނެސްދޭން ޖެހޭނީ "ހިދާޔަތުގެ އަލި" މަޖައްލާ ކަމަށް. ހުރިހާ މަސައްކަތެއް އެ ބޭފުޅުން ކުރައްވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މަޖައްލާ ޕްރިންޓް ކުރުމުގެ ހަތަރު ދުވަސް ކުރިން އެ މަޖައްލާ ބައްލަވާނެ ކަމަށާއި މަޖައްލާގައި ލިޔުއްވާ ބޭފުޅުންގެ ޝަރުތަކާއި ލިޔުންތައް ހުންނަން ޖެހޭނެ މިންގަނޑުތައް މިނިސްޓްރީން ކަނޑައެޅުމަށް ފަހު އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސާޅީސް ހަތަރު ސަފްހާގެ "ހިދާޔަތުގެ އަލި" މަޖައްލާގެ 1000 ކޮޕީ ކޮންމެ މަހަކު ނެރޭނެ ކަމަށާއި މަޖައްލާގެ ބޭރުގަނޑުގެ އިތުރުން އެތެރޭގެ އަށް ސަފްހާ ކުލަކޮން ޗާޕްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޖައްލާގައި އިލްމީ އަދި އިޖްތިމާއީ ލިޔުންތަކުގެ އިތުރުން ޒަކާތުގެ މައުލޫމާތު ލިޔެފައިވާ ލިޔުންތައް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ އިތުރުން ސުވާލާއި ޖަވާބުގެ ސަފްހާއެއް ހިމެނޭނެ. އަދި ފަލަސްދީނާ ބެހޭ ހަބަރާއި އިސްލާމީ ދުނިޔޭގެ ހަބަރުތައް ހިމެނޭނެ. އަދި ކޮންމެ މަޖައްލާއެއްގައި މަދުވެގެން ދިހަ މަޒުމޫނު އޮންނާނެ،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ހިލޭ އާންމުންނަށް ބެހުމަށް ހަމަޖައްސާފައިވާ އެ މަޖައްލާތައް ބާޒާރުމަތީ އެކި ހިސާބުތަކުގަ އާއި އާންމުން އެއްވާ ހިސާބުތަކުގައި ބަހާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖައްލާގައި އެއްވެސް ސިޔާސީ ކުލައެއް ނުޖެއްސުމަށް ޝަރުތުކޮށްފައިވާނެ ކަމަށާއި އެއްވެސް މީހެއްގެ ފޮޓޯއެއް ވެސް ނުޖެހުމަށް ދި އިސްލާމަށް އިސްލާމިކް މިނިސްޓްރީ އަންގާފައިވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބާރުއަޅާފައިވާނެ އޭގެ ސިޔާސީ އެއްވެސް ކުލައެއް ނުޖައްސަން. އެއްވެސް މީހެއްގެ ފޮޓޯއެއް ކަވަ އެއްގޮކަށް ވެސް ނުޖެހުމަށް އަންގާފައިވާނެ،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ މަހުން ފެށިގެން ވެސް މަޖައްލާ ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ދި އިސްލާމް ޓީމުން އޮންލައިން ސައިޓް ހިންގުމުގެ އިތުރުން ދީނީ މަޖައްލާ ވެސް ނެރެމުންދެ އެވެ.