އާ އަހަރާ ދިމާކޮށް ޗުއްޓީ ނުލިބުނުތަ؟
އާ އަހަރާ ދިމާކޮށް ޗުއްޓީ ނުލިބުނުތަ؟

އަނެއްކާވެސް އާ އަހަރެއް ފެށެނީއެވެ. އާ އަހަރަކާ ކުރިމަތިލާއިރު އެ އަހަރު ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާ އެތައް ބަޔަކު ތިބޭނެކަން ކަށަވަރެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުރާނެ ކަންކަން މީގެ ހަ މަސް ކުރިން ޕްލޭންކުރި މީހުން ވެސް އަޅުގަނޑުމެންގެ ތެރޭ މަދެއް ނުވާނެއެވެ. ނަމަވެސް އެންމެފަހު ވަގުތު ވަޒީފާ އަދާކުރާތަނުން ޗުއްޓީ ލިބޭގޮތް ނުވުމަކީ ރަހުމަތްތެރިންގެ ގްރޫޕްގައި ހިމެނޭ ކޮންމެވެސް އެކަކަށް ދިމާވެދާނެ ގޮތެކެވެ. އެއީ މާކުރިން ޕްލޭންކުރި ނަމަވެސް ހާލަތު ނިޔާކުރާ ގޮތަކުން ބައެއްފަހަރު ހަމަ ދިމާވެދާނެ ގޮތެކެވެ.

އެފަދަ ރަހްމަތްތެރިއެއް ހުރިނަމަ އެކަމާ މާޔޫސްވުމުގެ ބަދަލުގައި، ފެށޭ އާ އަހަރު ބުރަ ހިތަކާ އެކު ފެށުމުގެ ބަދަލުގައި، ގޭގައި ހިތްހަމަޖެހިގެން އުފާވެރި ކަމާއެކު ހޭދަކޮށްލެވިދާނެ ގިނަ ގޮތްގޮތް އެބަހުއްޓެވެ. ހާއްސަކޮށް ހަމަހިމޭން މާހައުލަކަށް ލޯބިކުރާ މީހެއްނަމަ ގޭގެ މާހައުލު ނުވަތަ ނިދާ ކޮޓަރި ތިމާ ބޭނުން ގޮތަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ވެސް އެމީހަކަށް ލިބޭނެއެވެ.

ރަހްމަތްތެރިންތަކެއް އެކީގައި ވަގުތު ހޭދަކޮށްލަނީ--ފޮޓޯ/ޕިންޓްރެސްޓް

ދުނިޔޭގެ އެކި ޤައުމުތަކުގައި އާ އަހަރުގެ އުފާ ފާޅުކުރާ ގޮތްތަކަށް ބަލާލާއިރު އެއީ ވަރަށް ގިނަ ޤައުމުތަކަށް އަންނަ ވަރަށް ބޮޑު އީދެކެވެ. ހަވާ އެރުވުމާއި ބޮޑެތި ކެއުންތަކަށް އިންސާފު ކުރުމާއި ޕެރޭޑް އަދި ރަހްމަތްތެރިންނާއި އާއިލާގެ މެމްބަރުން އެކީގައި ވަގުތު ހޭދަކުރުމަކީ ވަރަށް ގިނަ ޤައުމުތަކުން ފެންނަ މަންޒަރެވެ.

ނަމަވެސް މި ހަލަބޮލި ހަރަކާތްތަކުން ދުރުވެ ގޭގައި އެކަނި މާއެކަނި އިނދެގެން އާ އަހަރާ ކުރިމަތިލާން ބޭނުން މީހުން ވެސް އަޅުގަނޑުމެންގެތެރޭ އެބަތިއްބެވެ.

އެއީ މުޅި އަހަރު ދުވަހުގެތެރޭ އަމިއްލަ ނަފުސަށް ވަގުތު ހޯދަން އުޅެ އުޅެ އެކަން ކުރުމުގައި ހުރަސްތަކެއް ދިމާވި މީހުން ކަމަށް ވެސް ވެދާނެއެވެ. ޗުއްޓީ ނުލިބުމުން އެކަމާ މާޔޫސްވެ އެއްވެސް ކަމެއް ކުރާ ހިތްނުވާ މީހަކަށް ވެސް ވެދާނެއެވެ.

އެކަނި ހޭދަކޮށްލަން ލިބޭ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ކުރަން ބޭނުންނަމަ އަލްވަދާއު ކިޔަން ތައްޔާރުވަމުން އަންނަ އަހަރުގައި އަމިއްލަ ދިރިއުޅުމަށް އައި ބަދަލުތަކާ މެދު ވިސްނާލަން މިއީ ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ހަމައެއާއެކު މިދިޔަ އަހަރު ނިމުނުއިރު ކުރަން އަޒުމް ކަނޑައެޅި ކަންކަމުގެތެރެއިން މި އަހަރުތެރޭ ނުކުރެވުނު ކަންކަމާ މެދު ވިސްނާ ފިކުރުކޮށްލަން ވެސް މިއީ ވަރަށް ރަނގަޅު ދަނޑިވަޅަކަށް ވާނެއެވެ.

އެގޮތުން އަމިއްލަ ނަފުސާ މެދު ފުންކޮށް ވިސްނާލުމަށްފަހު ފެށޭ އާ އަހަރު ކުރަން ބޭނުންވާ ކަންކަން ނޯޓުކޮށްލާށެވެ. ގިނަބަޔަކު ހަލަބޮލި މާހައުލުތަކުން ވަގުތީ އުފާ ލިބިގަންނައިރު އަމިއްލައަށް ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލަން ވިސްނާށެވެ. އެއީ އަމިއްލަ ނަފުސަށް ކޮށްދެވޭ ވަރަށް ރަނގަޅު ކަމަކަށް ނޫނީ ނުވާނެއެވެ.

މިއީ އާ އަހަރު ގޭގައި އެކަނި އިނދެގެން ފާހަގަކޮށްލަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް މިއީ ކުރެވިދާނެ މުހިއްމު ކަންކަން ކަމަށް ވަރަށް ގިނަ ތެރަޕިސްޓުންގެ ލިޔުންތަކުން ވެސް އެނގެން އެބަހުއްޓެވެ.