ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ފުރޮޅުނު ގޮތާ ބެހޭ ގޮތުން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ން ހިންގި ތަހުގީގު ރިޕޯޓް ނެރުމުގެ ވަގުތު ކުޑަތަން ވަމުން އަންނަ އިރު އެ ރިޕޯޓުގައި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ރިޕޯޓު ގަބޫލުކުރާނެ ކަމަށް ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތަކުން ބުނެފި އެވެ.

ސަރުކާރާއި އިއްތިހާދުވެފައިވާ، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ އާއި ޑީއާރުޕީ އަދި ޕީއޭއޭގެ އިސް ފަރާތްތަކުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާ ބައްދަލުކޮށް ކޯނީގެ ރިޕޯޓާ ބެހޭ މަޝްވަރާތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވައިފަ އެވެ.

މާދަމާގެ 10:00 ޖެހުމުގެ ކުރިން ކޯނީގެ ރިޕޯޓް އާންމުކުރުމަށް ވަނީ ނިންމައިފަ އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ރައީސްއާއި އަދި ނައިބު ރައީސް މުހަންމަދު ވަހީދުއްދީން، ޑީން އާ އެކު މަޝްވަރާކުރުމަށް ފަހު ޕާޓީތަކުގެ ލީޑަރުން ރައީސް އޮފީސް ބޭރުގައި ތިއްބަވައި ކޯނީގެ ރިޕޯޓުގެ ކުރިން ވިދާޅުވާނެ ފަހު ބަސް ފުޅުތައް ވަނީ ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޯނީގެ ރިޕޯޓު ގަބޫލުކުރައްވާނެ ކަމަށާއި އެ ރިޕޯޓާ މެދު ޝައްކުނުކުރައްވާނެ ކަމަށެވެ. އިންކުއަރީ ކޮމިޝަންއަކީ އެންމެންގެ ވެސް އިތުބާރު އޮތް ކޮމިޝަނަކަށް ވުމުން އެ ކޮމިޝަންގެ ރިޕޯޓް ނިންމާނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާދަމާ ހަމަނުޖެހުން ހިންގުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފާނެ ކަމަށް ދުރާލައި ފިޔަވަޅުތައް އެޅުއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގަތް ކަމަށެވެ.

"ރިޕޯޓާ ގުޅިގެން އަޅުގަނޑު ދަންނަވާނީ 30 ވަނަ ދުވަހު ވެސް އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގުމަށް ނުނިކުންނަވައްޗޭ އަޅުގަނޑުމެން މިތިބީ އެކަމަށް ޖާގަ ދޭކަށް ނޫނޭ. މި ގައުމު ފަސާދައިގެ ތެރެއަށް ނުގެންދެވޭނޭ، އެދައްކަވާ ދޮގުވާތައް ގަބޫލުނުކުރައްވައްޗޭ،" ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވީ އިންކުއަރީ ކޮމިޝަނަކީ މުޅި ދުނިޔެ ވެސް ގަބޫލުކުރާ ކޮމިޝަނެއް ކަމަށާއި އެ ކޮމިޝަނުން ވެރިކަން ބަދަލުވީ ގޮތާ މެދު އެކުލަވާލާ ރިޕޯޓް ގަބޫލުކުރުމަށް އެ ޕާޓީ ވެސް އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ކުރީ ބަޣާވާތެއް ނޫން ކަމަށާއި އެހެން ކަމުން ކޮމިޝަންގެ ރިޕޯޓު ވެސް ބަޣާވާތެއް ކަމަށް ނުނިންމާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީން އެކަން ބަޣާވާތެއް ކަމަށް ނުނިމޭނެ ކަމަށް، ބަޣާވާތެއް ކަމަށް ނިމިދާނެ ކަމަށް އަޅުގަނޑު އެއްޗެއް ވެސް ދަންނަވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް އެނގެން މި އޮތީ މިކަން ހިނގައި ދިޔައީ ބަޣާވާތަކުން ނޫންކަން އަދި އެގެން މި އޮތީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމާއި ހަވާލުވާނީ ނައިބު ރައީސް އޭ، އެ އުސޫލުގެ ދަށުން ދިޔަ ކަމެއް މިއީ އެ ދުވަހު. އެހެންވީމާ އަޅުގަނޑުމެންގެ ހިތުގައި ސުވާލެއް ވެސް ނުއުފެދޭ މާދަމާ އެކަން ނިމިގެންދާނީ ބަޣާވާތަކުންނޭ ރިޕޯޓުގައި ބުނާނެ ކަމަކަށް، އެ ލަފްޒު ވެސް އޮވެދާނެ ކަމަކަށް،" އަބްދުއްރަހީމު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަތް އެ ޕާޓީގެ ރައީސް އިމުރާން އަބްދުﷲ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ހުރިހާ ޕާޓީތަކުން ވެސް ކޯނީގެ ރިޕޯޓު ޖުމްލަ ގޮތެއްގައި ބަލައިގަތުމަށް އެއްބަސްވެވުނު ކަމަށާއި ކޯނީގެ ރިޕޯޓު ބަލައިގަންނަން އިއްތިހާދުވެފައިވާ ޕާޓީތަކުން ތިބީ ތައްޔާރަށް ކަމަށެވެ. އިމްރާނު ވިދާޅުވީ އޭނާވެސް އުންމީދު ކުރައްވަނީ ކޯނީގެ ރިޕޯޓުވެސް އޮންނާނީ ހިއުމަންރައިޓްސް ކޮމިޝަނުން އާންމު ކޮށްފައިވާ ރިޕޯޓާ އެއްގޮތައް ކޯނީގެ ރިޕޯޓުގެ ނަތީޖާ ވެސް ނިކުންނާނެ ކަމުގައި ކަމަށެވެ.

"އަޅުގަނޑު މިހެން މި ދެންނެވީ، އެއީ އެއް މައިދާނެއްގައި ގާތްގަނޑަކަށް އެއްކަމަކާ ގުޅޭ ގޮތުން ކުރެވުނު ދިރާސާއަކަށް ވާއިރު އެއީ މުސްތަހީލު ކަމެއް އެއާދެކޮޅަށް ކޯނީގެ ރިޕޯޓު ނުކުތުން، އަޅުގަނޑުމެންނަށް ޖުމްލަ ގޮތެއްގައި މިއަދުވެސް އެއްބަސްމިވީ ކޮންމެ ގޮތަކަށް ރިޕޯޓް ނުކުތަސް އެ ނަތީޖާއެއް ގަބޫލުކުރުމަށް،" އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރިޕޯޓަށް ފަހު ވެސް ޕާޓީތަކުން ތިބޭނީ ރައީސް ވަހީދާ އެކު ކަމަށާއި މާދަމާ ހަމަނުޖެހުން ހިންގުމަށް ސަރުކާރުން ޖާގަ ނުދިނުމަށް ރައީސްއަށް ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަޒުމަށް އިރާދަކުރެއްވިއްޔާ ބުރުލެއް ނާރާނެ، އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ސަރުކާރާ އެކު ރައީސް ވަހީދުގެ ފަހަތްޕުޅުގައި ރިޕޯޓަށް ފަހު ވެސް އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް އޮންނާނީ، ރައީސްއަށް ދެންނެވިން،"

ކޯނީގެ ޑްރާފްޓް ރިޕޯޓެއް އެކުލަވާލައިފައިވާ އިރު، އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވައި ރައީސް ނަޝީދުގެ މެންބަރު އަހުމަދު ސައީދު، ގަހާ ސައީދު ވަނީ އެ ރިޕޯޓާ މެދު ހިތްހަމަނުޖެހޭކަން ފާޅުކުރައްވައިފަ އެވެ. އެއާ އެކު އެމްޑީޕީން ވެސް އަންނަނީ ކޯނީގެ ރިޕޯޓް ގަބޫލުނުކުރާނެ ކަމަށް ދޭހަވާ ގޮތައް ވާހަކަ ދައްކަމުންނެވެ.

މިއަދުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މާދަމާއަކީ ތާރީހީ ދުވަހެއް ކަމަށާއި މެޗެއް ކުޅި މެޗުގެ ނަތީޖާ ނުކުންނަ ދުވަސް ކަމަށެވެ. އަދި ވިދާޅުވީ މެޗެއްގެ މެދުތެރެއިން އެ މެޗެއްގައި އޮންނަ ގަވާއިދުތައް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މީގައި އަޅުގަނޑުމެން އެންމެން ވެސް ޖެހޭނީ ރިޕޯޓް ގަބޫލުކުރަން، އަޅުގަނޑުމެން އަމިއްލައަށް އެއްބަސްވި ކަންތައްތަކެއް މިއީ، އެހެންވީމައި ހަމަ ފުޓް ބޯޅަ މަޗެއްގައި ވާގޮތައް ނަތީޖާޔާ ހަމަޔަށް ދާންވީމައި މެދުތެރެއިން އެ އޮންނަ ރޫލް ބަދަލުކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ މުޅިން އައު ސޮފްހާއެއް ފަށައިގެން ގައުމައިގެން ކުރިއަށްދާން ޖެހޭ ދުވަހެއް މާދަމާއަކީ،" ނާޒިމް ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް ނެރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ 10:00 ޖަހާއިރު އެވެ. މީގެ ކުރިން އެ ރިޕޯޓް މިއަދު ރައީސް އަށް ފޮނުވާނެ ކަމަށް ބުނެފައި އޮތް ނަމަވެސް ރައީސްގެ އެދިވަޑައިގަތުމަށް ރައީސްއަށް ވެސް އެ ރިޕޯޓް ފޮނުވާނީ މާދަމައިގަ އެވެ. ރިޕޯޓު ނެރުމުގެ ޖަލްސާ އޮތީ މާދަމާ ރައީސް އޮފީހުގައި ނޫސްވެރިންނާއި އިންކުއަރީ ކޮމިޝަންގެ މެންބަރު ހާޒިރުވާ ޖަލްސާއެއްގަ އެވެ.

ރިޕޯޓު ނެރުމުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު މާދަމާ މާލެތެރެ އާއި ރާއްޖޭގައި ހިނގާފާނެ ހަމަނުޖެހުމަކަށް ސިފައިންނާއި ފުލުހުން ވަނީ ތައްޔާރުވެފަ އެވެ.