29 Aug 2012, 15:24
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ގދ. ގަައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، މުހީތަށް ހަމަލާ ދިން ކަމަށް އަނެއް ކާވެސް މީހަކު ހެކިބަސް ދީފި އެވެ.
މުހީތުގެ ގަޔަށް މުހުޖަތު ވަޅިހެރިތަން ދުށްކަމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މީހަކު ހެކިބަސް ދީފައިވާއިރު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ދެ މީހުންގެ ތެރެއިން އެކަކު ބުނީ މުހީތަށް މުހުޖަތު ހަމަލާ ދިން ތަން ދުށް ކަމަށެވެ.
މުހުޖަތު، މުހީތަށް ހަމަލާދިން ގޮތް ތަފްސީލުކޮށް ކިޔައިދެމުން ކާކުކަން ނޭނގޭގޮތަށް ހެކިބަސް ދިން އެމީހާ ބުނީ މުހުޖަތު މުހީތާއި ދިމާލަށް އަތް ހޫރަނިކޮށް ދުށްކަމަށާއި އެކަމަކު އޭނާގެ އަތުގައި ހަތިޔާރެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.
"އެވަގުތު މުއްބޭ [މުހުޖަތު] އަތުގައި ހަތިޔާރެއް އޮތްކަމަށް ފާހަގަ ނުކުރެވޭ. މުއްބޭ [މުހުޖަތު] މުހީތާއި ދިލާލަށް އަތް ހޫރުވިތަން ދުށިން. އެވަގުތު މުހީތު ހުރީ ކޮޅަށް. އަޅުގަނޑަށް ޔަގީން އެއީ މުއްބޭ [މުހުޖަތު] ކަން،" ހެކިބަސް ދިން އެ މީހާ ބުންޏެވެ.
އޭނާ ބުނީ މުހީތަށް ހަމަލާދިން ރޭ ސައިކަލެއްގައި އެ ސަރަހައްދަށް އަށް މީހުން ދިޔަ ނަމަވެސް މުހީތު ހުރިތަނަށް ގޮސް އޭނާ ކުރިމައްޗަށްވާ ގޮތަށް ތިބީ ހަތަރު މީހުން ކަމަށެވެ.
މުހުޖަތުގެ ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން އެ މީހާ ބުނީ ހަތަރު މީހުން މުހީތު ކުރިމައްޗަށްވާ ގޮތަށް ތިބި ނަމަވެސް މުހުޖަތު މުހީތަށް ހަމަލާދިން މަންޒަރު ފެނުމަކަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާކަމަށެވެ. އަދި ހާދިސާ ނިމެންދެން މަންޒަރު ބަލަން ހުރިކަމަށް ވެސް އެ މީހާ ބުންޏެވެ.
އެމީހާ ބުނީ މުހީތަށް ހަމަލާދޭން ފަށާފައި ވަނީ އެ ހަތަރު މީހުން މުހީތު ކައިރީ ތިބުމަށް ފަހު އެ މީހުންގެ ތެރެއިން މީހަކު "އެލްޓީ ޅއ އެކޭ" ބުނިއަޑަށް ކަމަށެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު އާ ދެކޮޅަށް އެއްވެސް ހެކިބަހެއް ލިބިފައި ނުވާއިރު ހެކިބަސް ދެމުން އެމީހާ މިއަދު ބުނީ މުހީތުގެ ގަޔަށް މުޝައްފައު ވަޅި ހެރިތަން އޭނާ ދުށް ކަމަށެވެ.
އޭނާ ބުނީ މުޝައްފައު މުހީތަށް ހަމަލާދިން ވަޅީގެ ސީދާ ދިގުމިނެއް ނޭނގޭ ކަމަށާއި ލަފާކުރެވޭގޮތުގައި އެއީ އަށް އިންޗީގެ ބެނެޓް ވަޅިއެއް ކަމަށެވެ.
"ވަޅީގެ ސީދާ ދިގުމިން ބުނެދޭކަށް ނޭނގޭ. ފާހަގަކުރެވޭގޮތުގައި އެއީ އަށް އިންޗީގެ ބެނެޓް ވަޅިއެއް،" ހެކިބަސް ދެމުން އެމީހާ ބުންޏެވެ.
އޭނާ ބުނީ ފިނޭންސް މިނިސްޓްރީގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި މުހީތަށް ހަމަލާދިނުމަށް ފަހު ހަތަރު ސައިކަލްގައި އެ މީހުން ހެންވޭރާއި ވީކޮޅަށް ދިޔަތަން ވެސް އޭނާ ދުށްކަމަށެވެ.
މުހުޖަތާއި މުޝައްފައުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރިނަމަވެސް ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މުހީތަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އިސްކުއްޖާ ސައިކަލަކަށް އަރުވައިގެން އެރޭ އެ ސަރަހައްދުން ގޮސްފައިވާކަމަށް ބުނެ އެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައިމޫނާއި ދެކޮޅަށް ހެކިބަސް ލިބިފައި ނުވިނަމަވެސް މިއަދު ހެކިބަސް ދިން ދެ މީހުން ވެސް ބުނެފައި ވަނީ އޭނާ ސައިލްމަތީގައި އިންދާ ފެނުނު ކަމަށެވެ.
މިއަދު ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ ހަތަރު ސައިކަލްގައި އަށް މީހަކު އެ ސަރަހައްދަށް ދިޔަ ނަމަވެސް ގޯޅިގަނޑު ތެރެއަށް ވަނީ ހަތަރު މީހަކު ކަމަށާއި އޭގެތެރޭގައި މުހުޖަތާއި މައިމޫން ހިމެނޭ ކަމަށެވެ.
އޭނާ ބުނީ ހަމަލާދިނުމަށް ފަހު ސައިކަލްގައި އެ މީހުން ދިޔަފަހުން އެ ގޯޅިގަނޑުގެ ތެރެއިން ހަޅޭލަވައިގަތް އަޑު އޭނާއަށް އިވުނު ކަމަށެވެ. އަދި ވަޅިހަރައި ޒަޚަމްކޮށްލާފައި މުހީތު ބިންމައްޗަށް ވައްޓާފައި އޮއްވާ އޭނާ ކާރަކަށް އަރުވައިގެން ދިޔަ ތަން ދުށްކަމަށް ވެސް އެ މީހާ ބުންޏެވެ.
އެ ހެކިތަކުގެ އިތުރުން ދައުލަތުން ވަނީ ގަރީނާގެ ގޮތުގައި އެ ތިން މީހުންގެ ފޯންކޯލް ރެކޯޑިން އާއި ސީސީޓީވީ ފްޓޭޖްތަކެއް ހުށަހަޅާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ ގަރީނާތަކާ ބެހޭގޮތުން ވާހަކަދެއް ކުން ކަމަށެވެ.
މުހީތުގެ މަރުގެ މައްސަލައިގައި ޖުވެނައިލް ކޯޓުގައި ވެސް ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ.