29 Aug 2012, 15:08
ޒިންމާދާރު ނޫސްވެރިކަން ކުރުމަށް ރަނގަޅު ވެއްޓެއް ގާއިމްކޮށްދި ނުމަށް މޯލްޑިވުސް މީޑިއާ ކައުންސިލުން ގޮވާލައިފި އެވެ.
އެ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރަކީ ސިޔާސީ ހަލަބޮލިކަން ރާއްޖޭގައި ބޮޑުވެ، ހަބަރާއި މައުލޫމަތު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާއާއި ވާޖިބު ބޮޑުވެފައިވާ ދުވަސްވަރަކަށް ވުމާއެކު ޒިންމާދާރު ނޫސްވެރިކަން ކުރުމަށް ފަހި ވެއްޓެއް ގާއިމްކުރުމަށް ގޮވާލާ ކަމަށެވެ.
"ޒިންމާދާރު ނޫސްވެރިކަމަށް ފަހި ވެއްޓެއް ގާއިމްކޮށްދިނުމަށް ޓަކައި ހުރިހާ ވަގުތެއްގައި ވެސް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، ސިޔަސީޕާޓީތަކާއި، އާއްމުރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ނޫސްވެރިނާއި ހަބަރު ފަތުރާ ވަސީލަތްތަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ލިބިދިނުމަށް މިދަނޑވަޅުގައި އިލްތިމާސްކުރަން،" މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ބުނެފައިވަނީ ހުރިހާ ނޫސްވެރިނާއި ނޫސް އެޖެންސީތަކުން ޒިންމާދާރުކަމާ އެކު ގާނޫނާއި ގަވައިދުގައި ބުނެފައިވާ ނޫސްވެރިކަމުގެ އަހުލަގީ މިންގަނޑުގެ ތެރޭގައި ތިބެ ހަބަރާއި މައުލޫމާތު ފެތުރުމަށް ގޮވާލާ ކަމަށާއި އަދި ަރައްކަތެރިވެތިބުމަށް ވެސް ހުރިހާ ނޫސްވެރިނަށާއި ނޫސް އެޖެންސީތަކަށް ގޮވަލާފައިވެ އެވެ.