31 Aug 2010, 19:54
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ތިން ވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކެބިނެޓުން ރުހުން ދީފި އެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން މި އިސްލާހު ފާސްކުރުމަށް ބޭނުންވާ ވޯޓު މިހާރު ސަރުކާރަށް ޔަގީންކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ކޮންމެހެން ބޭނުންވާ 150 ވޯޓުގެ އަޣުލަބިއްޔަތު ރާޖަޕަކްސާއަށް ޔަގީންކުރެވުނީ، ރިޔާސީ ނިޒާމް އިތުރު ކުރުމަށް ތާއީދުކުރާނެ ކަމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މައިނޯރިޓީ ޕާޓީއެއްގެ އަށް މެމްބަރުން އިއުލާންކުރެއްވުމާ ގުޅިގެންނެވެ. ދުއިސައްތަ ފަންސަވީސް ގޮނޑީގެ މަޖިލީހުން ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ޓަކައި މަޖިލީހިގެ ތިން ބައިކުޅަ ދެބައަށް ވުރެ ބޮޑު ތާއީދު ލިބެންޖެހޭއިރު، ވެރިކަންކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް ޕާޓީއަށް މަޖިލީހުގެ 154 ވޯޓުގެ މައްޗަށް މިހާރު ބާރު ހިންގޭނެ ގޮތް ވަނީ މެދުވެރިވެފަ އެވެ. އަދި
1978 ވަނަ އަހަރުން ފެށިގެން ލަންކާގައި އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާމެދު ކެބިނެޓުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އަދި ރިޔާސީ ދައުރުގެ އަދަދު އިތުރުކުރެވޭ ގޮތަށް އޮތް އިސްލާހާއެކު، އިތުރު ބައެއް އިސްލާހުތަކެއް އަންނަ ހަފްތާ ތަރޭގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިހާރު އޮތް ގޮތަށް މި އިސްލާހު ފާސްވެއްޖެ ނަމަ، އުމުރުން 64 އަހަރުގެ ރާޖަޕަކްސާއަށް، އޭނާގެ ދެވަނަ ދައުރު 2016 ވަނަ އަހަރު ނިމުމުން، އަލުން ރައީސް ކަމަށް ވާދަކުރެއްވޭނެ އެވެ.