29 Aug 2012, 14:57
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވިގޮތް ބަލަން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އެންކްއަރީ (ކޯނީ) ގެ ރިޕޯޓް ނެރެއްދެން އުސްފަސްގަނޑުގައި ހުންނަވާ ގޮތަށް ރައީސް މުހައްމަދު ނަޝީދު މިއަދުން ހެނދުނުން ފެށިގެން އުސްފަސްގަނޑުގައި ކޭމްޕް ޖައްސަވައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ރައީސް ނަޝީދާއި އެމްޑީޕީ ޕާލަމެންޓުރީ ގުރޫޕު ބައެއް މެންބަރުންގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި އެމްޑީޕީއަށް ތާއީދު ކުރައްވާ ގިނަ ފަރާތްތަކުން ވަނީ އެމްޑީޕީގެ ސިޔާސީ މައިދާން، އުސް ފަސްގަނޑުގައި ކޭމްޕް ޖަހާފަ އެވެ. މިއަދު ހެނދުނު ފެށިގެން އެމްޑީޕީގެ ކުރީގެ ޗެއާޕަސަން އަދި ރައްޔިތުން މަޖިލީހުގެ މެންބަރު މާރިއާ އަހުމަދު ދީދީއާއި އެމްޑިޕީގެ ކުރީގެ ރައީސް އިބްރާހިމް ހުސެއިން ޒަކީ ވެސް ހުންނެވީ އުސް ފަސްގަނޑުގަ އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރެންދެންވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ފަރާތްތަށް ތިބޭނީ އުސްފަސްގަނޑުގައި ކަމަށާއި އެތަނުގައި މިހާރު އެމްޑީޕީން ކުރިއަށް ގެންދާނެ ހަރަކާތްތަކާ ބެހޭގޮތުން ޕުލޭންތަށް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ހަމަޖެހުމަށާއި ސުލްހަ މަސްލަސް ކަމަށް ލޯބިކުރާބައެއް އަޅުގަނޑުމެނެއް ނޫން މީހުންގެ ގައިގަ ތަޅާ ބަގަވާތްކޮށް ގާނޫނު ގަވައިދު މުގުރާ ހަމަނުޖެހުން ހިންގަނީކީ ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބާޢީ ފުލުހުނާއި ސިފައިން މިގައުމު ވައްޓާލި ވަޅުގަނޑުން ސަލަމަތްކުރުމަށް" އިންތި ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކޯނީގެ ރިޕޯޓާއި ގުޅުވައިގެން މިއަދާއި މިރޭވެސް ތަފާތް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ ކަމަށެވެ.