29 Aug 2012, 14:42
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ނެރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު ރައީސް އޮފީހުގައި ނޫސްވެރިންގެ ހާޒިރުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސްއާ ރިޕޯޓް ހަވާލުކޮށްދެއްވާނީ ކޯނީގެ މެންބަރުން ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ހުރިހާ މެންބަރު ވަޑައިގެން ރައީސްއަށް އެ ރިޕޯޓް ހަވާލު ކޮށްދެއްވާނީ،" އައްބަސް ވިދާޅުވި އެވެ.
ކޯނީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ، ރައީސް އިސްމާއިލް ޝަފީއު އާއި ކޯޗެއާ، ސިންގަޕޫރުގެ ކުރީގެ ފަޑިޔާރު ޖޭޕީ ސެލްވަމްއާއި ޑރ. އިބްރާހިމް ޔާސިރު އާއި ޑރ. އަލީ ފަވާޒު އަދި ރައީސް މުހަންމަދު ނަޝީދުގެ މެންދޫބެއްގެ ގޮތުން އަހުމަދު ސައީދު ގަހާ ސައީދެވެ.
އައްބާސް ވިދާޅުވީ މާދަމާގެ ބައްދުވުމުގައި ރައީސް ގައުމާ މުހާތަބު ކުރައްވާ ކޯނީގެ ރިޕޯޓުގެ ހުލާސާއެއް އިއްވައި ކޮމިޝަން އުވާލައްވާނެ ކަމަށެވެ. އަދި އެއަށް ފަހު ކަމާ ބެހޭ މުއައްސަސާތަކަށް ރައީސް ރިޕޯޓް ފޮނުވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ކޮމިޝަން އުވާލުމަކީ އާ ކަމެއް ނޫން، އެއީ ރައީސް އުފެއްދެވި ގަރާރުގައި އޮންނާނީ ވަކި މެންޑޭޓެއް ދީފައި، އެ މެންޑޭޓް ނިމުނީމައި އުވާލާނީ، އެއީ މީގެ ކުރިންވެސް ކަންކޮށްފައި އޮތް ގޮތަކީ،" އައްބާސް ވިދާޅުވި އެވެ. "ރައީސް ދެން އެ ރިޕޯޓް ފޮނުއްވާނީ ކަމާ ބެހޭ މުއައްސަސާތަކަށް އިތުރަށް ކުރިއަށް ގެންދިޔުމަށް،"
ފެބުރުއަރީ ހަތެއްގައި ވެރިކަން ފުރޮޅުނު ގޮތާ ބެހޭ ތަހުގީގު ކުރުމަށް ރައީސް، އިންކުއަރީ ކޮމިޝަން އުފެއްދެވީ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އޭގެ ފަހުން ކޮމަންވެލްތުގެ އެދުމުގެ މަތިން އެ ކޮމިޝަނަށް ބަދަލުތަކެއް ގެނެސް އަލުން ކޮމިޝަން އެކުލަވާލީ ޖުލައި މަހުގެ ތެރޭގަ އެވެ.