29 Aug 2012, 14:43
ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ނޭޝަނަލް އިންފޮމޭޝަން ޓެކްނޮލްޖީ (އެންސީއައިޓީ) ގުޅިގެން ރަށު ކައުންސިލްތައް ކޮމްޕިއުޓަރު ވިއުގައަކުން ގުޅާލުމުގެ، 17 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ރަށު ފެންވަރުގައި ބެލެހެއްޓޭ މައުލޫމާތުތައް ސަރުކާރުގެ މުއައްސަސާތަކާއެކު ހިއްސާ ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ގައުމީ ކޮމްޕިއުޓާ ވިއުގައާއި ރަށު ކައުންސިލްތައް ގުޅާލުމުގެ އެއްބަސްވުމުގައި ވަތަނިއްޔާއާއެކު އެލްޖީއޭ އާއި އެންސީއައިޓީ އާ ދެމެދު ސޮއިކުރީ މިއަދު އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ
އިންފޮމޭޝަން ކޮމިއުނިކޭޝަންގެ އެހީގައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ސަރުކާރުގެ ހިދުމަތްތައް ރަށު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މިއަދު ވަނީ 93 ރަށެއްގެ ކައުންސިލްތައް ވިއުގަ އިން ގުޅާލުމަށް ހަވާލުކޮށްފަ އެވެ.
މިއަދު ބޭއްވި ރަސްމިޔާތުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ކައުންސިލްތައް ކޮމްޕިއުޓަރު ވިއުގައަކުން ގުޅާލުމުން އިތުރު ފަސޭހަތަކެއް ލިބެމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި އުއްމީދު ކުރަނީ މި މަސައްކަތަކީ ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް، އަދި ލުއި ފަސޭހަކޮށް ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ލިބެގެންދާ ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެ ބަސްވުމާއި އެކު ވަރަށް ގިނަ ހިދުމަތްތަކެއްވެސް ރަށު ކައުންސިލުތަކުން ލިބެމުންދާނެ ކަމަށް މިނިސްޓާރު ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަށް ހޯދުމުގައި ފަސޭހަތައް ހޯދަދިނުމަށް ގައުމީ ކޮމްޕިއުޓާ ވިއުގައަކުން 100 ރަށެއް ގުޅާލުމަށް ދިރާގާ އެކު މި މަހު ސޮއިކޮށްފައިވެ އެވެ.