މާލޭގެ ލޯކަލް މާރު ކޭޓުގެ ގޮޅިތައް ތިން ދުވަހުގެ ތެރޭގައި ހުސްކުރުމަށް އެންގުމުން ގޮޅިތަކުގެ ވެރިން އެކަމާ ހިތްހަމަނުޖެހިގެން މާލޭ ސިޓީ ކައުންސިލަށް ދިއުމުން ގޮޅިތައް ހުސްކުރުމަށް ދިން މުއްދަތު 10 ދުވަހަށް އިތުރުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ގޮޅިތައް ހުސްކުރުމަށް އިއްޔެ އެންގި އެންގުން މިއަދު ކައުންސިލުން ބާތިލްކޮށް، މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތެއް ގޮޅިތައް ހުސްްކުރުމަށް ދިނުމަށް ކައުންސިލުން ނިންމައިފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ މުއްދަތު އިތުރު ކުރީ ގޮޅިވެރިންގެ ޝަކުވާތައް އަޑު އެހުމަށް ފަހު އެ މުއްދަތުގައި ކައުންސިލުން އެކަމާ ބެހޭ ގޮތުން އެޅެން ހުރި ފިޔަވަޅަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.

"ކައުންސިލަށް އައި މީހުންގެ ޝަކުވާތައް އަޑުއެހުމަށް ފަހު ކައުންސިލުން މި ނިންމީ އެމީހުންނަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދީފައި، އެ މުއްދަތުގައި އެތަނުގައި ގާނޫނީ ހަމަތަކުގެ މަތިން ގަވާއިދުގެ ތެރެއިން ކޮށްދެވޭނެ ކަމެއް އޮތްތޯ ބަލަން. ކޮމިޓީން ކަނޑައަޅާނީ އަޅުގަނޑުމެންގެ ގަވާއިދަށް ފައްތައިގެން، ހަގީގަތުގައި ވެސް އެތަނުގައި ހުންނަން ޖެހޭ މީހަކު ހުރިތޯ،" ޝުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ގޮޅިތައް ހުސްކުރަން އިއްޔެ އަންގާފައި ވަނީ ގަވާއިދާ އެއްގޮތަށް އެގޮޅިތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ، އިތުރު ފަަރާތްތަކަށް ވެސް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް ގޮޅިތައް ތިން ދުވަހުގެ ތެރޭގައި ހުސްކުރުމަށް އެންގުމާ ގުޅިގެން މާރުކޭޓު ގޮޅިތައް ހިންގާ ފަރާތްތަކުން ކައުންސިލާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ކައުންސިލަށް މިއަދު ދިޔަ ގޮޅިވެރިންގެ ތެރޭގައި ވަރަށް ޒަމާނުއްސުރެ އެ މަަސައްކަތް ކުރާ މީހުން ތިބި ކަމަށާއި މުޅި މާރުކޭޓުގެ 90 ޕަސެންޓަކީ ގޮޅިތައް ހިފައިފައި ކުއްޔަށްދީގެން ހިންގަމުން އަންނަ މީހުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަނެއް 10 ޕަސެންޓަކީ އަމިއްލައަށް އެތަންތަން ހިނގަމުން އަންނަ މީހުން ކަމަށެވެ.

"މުއްދަތަކަށް ވުރެ އެއް މަސް ދުވަސް އިތުރުވެފައިވާ ބައެއް ފަރާތްތައް ވެސް އެބައުޅޭ މިއަދު ބައްދަލުކުރި މީހުންގެ ތެރޭގައި. މުޅި މާރުކޭޓުގެ ދިހަ ޕަސެންޓަކީ ވަރަށް އުމުރުން ދުވަސްވީ ވަރަށް ގިނަ ދުވަސް ވަންދެއް އެތަންތަން ހިންގަމުން އަންނަ މީހުން. އެހެންވެ ގާނޫނީ ހަމަތަކުގެ މަތިން އެމީހުންނަށް އިތުރު ފުރުސަތެއް ދެވެން އޮތްތޯ ބަލައިފައި އެކަން އަންގާނަން،" ސުޖާއު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ މާރު ކޭޓުގެ ބޭރުގައި ހަރުކުރި އިއުލާނާ ގުޅިގެން ގޮޅިތައް ހިންގަމުން އަންނަ ގިނަ ފަރާތްތަކުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، މާލޭ ސިޓީ ކައުންސިލަށް މިއަދު ގޮސް އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މިއަދު މެންދުރު ފަހު ގޮޅިވެރިންނާ ބައްދަލުކުރުމަށް މަޖައްސައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް އަންގައި އިއްޔެ މާރުކޭޓުގެ ބޭރުގައި ބެހެއްޓި އިޢުލާނުގައި ބުނެފައި ވަނީ މާރުކޭޓުގެ ގޮޅިތަކުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވެފައި ވާތީ އަލުން އެގޮޅިތައް ކުއްޔަށް ދިނުމަށް ހަމަޖައްސައިވާ ކަމަށެވެ. އަދި އަލުން ފޯމް ދޫކުރުމުގެ ކަންތައްތައް މާދަމަ އިން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހު 1 ޖެހުމާ ހަމައަށް ސިޓީ ކައުންސިލުން ދޫކުރުމަށް ހަމަޖައްސައިފައިވާ ކަމަށް ވެސް އެޢިއުލާންގައިވެ އެވެ.