ކޯނީގެ ރިޕޯޓަށް ފަހު މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރާ ނަމަ އިންޒާރެއް ދިނުމަކާ ނުލައި އެފަދަ މުޒާހަރާތައް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި މައުލޫމާތު ދެއްވަމުން ސުޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން މާލެ ހަލަބޮލިކޮށްލައި ހަމަނުޖެހުންތަކެއް ހިންގަން އުޅޭކަމުގެ މައުލުމާތު ލިބިފައިވާ ކަމަށާއި މުޒާހަރާއެއްގެ ތެރޭގައި އެފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގައިފި ނަމަ އިންޒާރަކާއި ނުލައި މުޒާހަރަތައް ރޫޅާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ގޮތަށް ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ފުރުސަތުދީ އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބެރިކޭޑް ހުރަސްކުރުން ފަދަ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ކޯނީގެ ރިޕޯޓާ ގުޅިގެން އަޅުގަނޑުމެންނަށް މައުލޫމާތުތަކެއް ލިބެމުން އެބަދޭ ހާއްސަކޮށް މާލެ ތެރޭގައި ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކޮށްފާނެ ކަމަށް. އެހެންނަމަވެސް އަޅުގަނޑުމެންގެ އިލްތިމާސަކީ އެފަދަ ކަމެއް އެގޮތަށް ނުކުރުން. އަދި ދަންނަވާލަން ބޭނުންވޭ އެފަދަ ކަމަކަށް ޕޮލިސް ސާވިސްއަކުން ފުރުސަތު ނުދެއްވާނެ ވާހަކަ،" ނަވާޒު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓަށް ފަހު ބަޔަކު މާލެތެރެ ހަލަބޮލިކޮށްލަން މަސައްކަތްކުރާ ކަމުގެ މައުލުމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ރެއިން ފެށިގެން ފުލުހުން އަންނަނީ މާލެ ތެރެ ބެލަހައްޓެމުގެ ހާއްސަ އޮޕަރޭޝަން ހިންގަމުން ކަމަށާއި އެ އޮޕަރޭޝަނުގައި މިހާތަނަށް އެކިއެކި މައްސަލަތަކާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

"ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 99 މީހަކު ފާސްކުރުމުގެ އިތުރުން 258 ވެހިކަލެއް ޗެކުކުރުމުގެ އިތުރުން 17 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ އިރު 184 މީހަކު ހުއްޓުވައި ސުވާލު ކޮށްފައިވޭ. ފުލުހުންގެ ބެލުމުގެ ދަށަށް ވޭތުވެ 24 ގަޑިއިރު ތެރޭގައި އަށް މީހަކު ގެނެސްފައި ވަނީ އެކި އެކި މައްސަލަތަކާ ގުޅިގެން. އެއްވެސް ހާލެއްގައި މަގުމަތީގައި އެކިއެކި އެވުންތައް އެއްވެގެނެއް ނޫން އެމީހުން ގެނެވިފައި ވަނީ،"

ނަވާޒު ވިދާޅުވީ އަށެއް ފެބުރުއަރީގައި އަތޮޅު ތެރޭގައި މީގެ ކުރިން ހިނގާފައިވާ ހާދިސާތައް ތކުރާރުވުމަށް ފުލުހުންގެ ފަރާތުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި އަތޮޅުތެރޭގައި ކަންކަން ބެލެހެއްޓުމުގައި ވެސް ފުލުހުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް ތަނަވެސް ވިޔަ ނުދޭނެ ކަމަށެވެ.

"ކުރީގައި ފެބުރުއަރީ އަށެއްގައި އެ ހިނގައި ދިޔަ އެއްވެސް ކަހަލަ ކަމެއް އިރާދަކުރެއްވިއްޔާމު އައްޑޫގައި ވެސް އަދި އެހެންތަނެއްގައި ވެސް މީހުން ބައިބޯ އެއްވެސް ހިސާބެއްގައި ވެސް ހިންގަން ފުރުސަތު ނުދޭނަން. އެފުރުސަތު ދެން ތަނަވަސްވާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،"

ފުލުހުން ބުނެފައި ވަނީ އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް މާލޭގައި ހިނގި ނަމަވެސް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ވަރުގެ ކަމެއް ހިނގައިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ފުލުހުން ތައްޔާރުވާން ޖެހޭ އެންމެ މަތީ ފެންވަރަށް ފުލުހުން ތައްޔާރުވަފައިވާ ކަމަށެވެ. އަދި މިހާތަނަށް ހަމަނުޖެހުން ހިންގާނެ ކަމުގެ މައުލޫމާތު ލިބިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.