ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓްގައި އުފުލި ދައުވާ އެ ކޯޓްގައި ނުބެލޭނެ ކަމަށް ހުޅުމާލޭ ކޯޓުން ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ އެ ކޯޓްގައި ބެލޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓުން ބެލޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރީ ނަޝީދުގެ މައްސަލަ ނުބެލޭނެ ކަމަށް ހުޅުމާލޭ ކޯޓުން ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ނެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި މާލެ އާއި ވިލިނގިއްޔާއި ހުޅުމާލެ އަކީ އެއް އިދާރީ ދާއިރާއެއް ކަމަށް ކަނޑައަޅާފައިވާއިރު ކޯޓުތަކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގާނޫނު އަސާސީގައި ބުނާ ކޮންމެ އިދާރީ ދާއިރާ އަކަށް ޖުޑީޝަލް ވަކި ދާއިރާއެއް އުފެދުނީ ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ މެޖިސްޓްރޭޓް ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ ޖިނާއީ ކުށްތަކުގެ ތެރެއިން ކޯޓުތަކާ ބެހޭ ގާނޫނުގައި މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭނެ ކަމަށް ކަނޑައަޅާފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބެލޭނެ ކަމަށް ހަމަ އެ ގާނޫނުގައި ބުނެފައިވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަކީ ގާނޫނާއި ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވާއިރު އެބާވަތުގެ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭނެ މައްސަލައެއް ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައި ނުވާކަމަށެވެ.

އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ހާދިސާ ހިނގާފައި ވަނީ މާލޭގައި ކަމަށްވާތީ އެ މައްސަލަ އަކީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއްކަމަށް އެ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހުޅުމާލޭ ކޯޓްގެ ނިންމުން މިއަދު ހައިކޯޓުން ބާތިލުކޮށް ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓްގައި ބެލެނޭ ކަމަށް ނިންމުމުގެ ކުރިން ހުޅުމާލޭ ކޯޓްގެ ނިންމުން އަލުން މުރާޖާ ކޮށް ދެއްވުމަށް ޕީޖީ އެދިވަޑައިގެންނެވި އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުން ބުނެފައި ވަނީ އެ ނިންމުން މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެ ނިންމުން ބަލައި މުރާޖާ ނުކުރެވޭނެ ކަމަށެވެ.

އޭރު މައްސަލަ ބޭރުކޮށްލަމުން ހުޅުމާލޭ ކޯޓުން ބުނީ މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން އެ މައްސަލަތަކަކީ އެ ކޯޓަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ނުފެންނާތީ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ ނިންމަވާފައިވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ، މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.

އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ޖެނުއަރީ 16، 2012 ގައެވެ.