29 Aug 2012, 13:43
ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް މާދަމާ އާންމު ކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުގައި ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް އދ. އިން ދޮގުކޮށްފި އެވެ.
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި އދ ގެ ރެސިޑެންޓް ކޯޑިނޭޓާ އެންޑްރޫ ކޮކްސް މިއަދު އާންމު ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަމަށާއި ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުގައި އެ ރިޕޯޓް ނުނެރޭނެ ކަމަށެވެ.
"އެނގިފައިވާ ގޮތުގައި މާދަމާ އާންމު ކުރާ ކޯނީގެ ރިޕޯޓް، ކަމާ ބެހޭ ފަރާތްތަކަށް ވަނީ ފޮނުވުމަށް އެއްބަސްވެފަ އެވެ. އެ ރިޕޯޓުގައި މި އިމާރާތުގައި އާންމެއް ނުކުރާނެ އެވެ،" ބަޔާނުގައިވެ އެވެ.
ކޯނީގެ ރިޕޯޓުން ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ރައީސަށް އަދި ޕީޖީއަށް ފޮނުވަން މިއަދު ހަމަޖެހިފައި އޮތް ނަމަވެސް އެ ރިޕޯޓު އެ ފަރާތްތަކަށް ފޮނުވާނީ މާދަމާ 10:00 ޖެހުމުގެ ކުރިންނެވެ. އަދި ރިޕޯޓުން އާންމުކުރުން ވެސް އޮތީ މާދަމާ އެވެ.
ރިޕޯޓު އާންމު ކުރުމަށް ބާއްވާ ހަފްލާ އޮންނާނެ ތަނަކާއި މެދު ސޯސަލްމީޑިޔާގައި އަންނަނީ ތަފާތު އެކި ވާހަކަތައް މިއަދު ހެނދުނުން ފެށިގެން ފެތުރުމެންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކޯނީގެ ރިޕޯޓާއި ގުޅިގެން ހިނގައިފާނެ ހަމަނުޖެހުމަށް ފުލުހުންނާއި ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.