އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން އާސެނަލްގެ މިޑްފީލްޑަރު ތިއޯ ވޮލްކޮޓް ދެކޮޅު ހެދުމުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އޭނާ ވިއްކާލަން ކޯޗު އާސެން ވެންގާ ނިންމައިފި އެވެ.

އާސެނަލް އިން ވޮލްކޮޓް ހުށަހެޅީ ހަފުތާއަކު 75000 ޕައުންޑްގެ މުސާރައެއް ލިބޭ ގޮތަށް ފަސް އަހަރުގެ ކޮންޓެރްކްޓެކެވެ. މިކޮންޓްރެކްޓް ވޮލްކޮޓް ގަބޫލުނުކުރުމުން އަންނަ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އޭނާ ވިއްކާނުލައިފިނަމަ ފްރީ ޓްރާންސްފާއެއްގައި ވޮލްކޮޓަށް އަންނަ އަހަރު ކުލަބު ދޫކޮށްލެވޭނެ އެވެ. މިހެންވެ ވެއްޖެނަމަ އާސެނަލް އަށް ލިބޭނެ މާލީ އެއްވެސް ފައިދާއެއްނެތެވެ.

ކުރިމަގާ މެދު ގޮތެއް ނިންމުމަށް ވޮލްކޮޓަށް ވެންގާ 48 ގަޑިއިރު ދީފައިވާއިރު ދެ ފަރާތުގެ ދެމެދުގައި އަދިވެސް މަޝްވަރާތައް ކުރިއަށް އެބަދެ އެވެ. އަދި ވޮލްކޮޓް ވިއްކާލަން ނިންމާފައިވާ އަގަކީ 12 މިލިއަން ޕައުންޑެވެ. މި އަގަށް އޭނާ ގަތުމަށް ލިވަޕޫލުން ޝައުގުވެރިކަން ފާޅުކޮށަފައިވާއިރު މެންސިޓީ ވެސް ވަނީ މިހާރު މި ރޭހުގައި ބައިވެރިވެފަ އެވެ.

އުމުރުން އެންމެ 23 އަހަރުގެ ވޮލްކޮޓް ވަނީ އާސަނަލް އަށް 222 މެޗު ކުޅެދީ 42 ގޯލު ޖަހައިފަ އެވެ.