ކޯނީގެ ރިޕޯޓަށްފަހު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުން ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި އެކަމަށް ފުލުހުން ވަރަށް ރަނގަޅަށް ތައްޔާރުވެ ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުުންގެ ތައްޔާރީތަކާބެހޭ ގޮތުން އިސްކަންދަރު ކޮށީގައި މައުލޫމާތު ދެއްވަމުން ސުޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ކޯނީގެ ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން މާލެ ހަލަބޮލިކޮށްލައި ހަމަނުޖެހުންތަކެއް ހިންގަން އުޅޭކަމުގެ މައުލުމާތު ލިބިފައިވާ ކަމަށާއި އެފަދަ ހަމަނުޖެހުމެއް ހިންގާނެ ފުރުސަތު ނުދޭނެ ކަމަށެވެ.

"ކޯނީގެ ރިޕޯޓު ނެރުމާއި ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފުލުހުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ރިޕޯޓް ނެރުމަށްފަހު ރިޕޯޓާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކެއް ވެސް ތިބޭނެ. އަދި ހިތްހަމަ ޖެހުން ފާޅުކުރާ ފަރާތްތަކެއް ވެސް ތިބޭނެ އެހެންކަމުން އެ ރިޕޯޓުގައިވާ ކަންކަމާއި ގުޅިގެން ހިތްހަމަ ޖެހުނު ކަމުގައި ވިޔަސް، ނުޖެހުނު ކަމުގައި ވިޔަސް އެއްވެސް ފަރާތަކުން މަގުމައްޗަށް ނުކުމެ ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކޮށްގެން ނުވާނެ،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ރައްޔިތުންނާއި މުދަލަށާއި ތަކެތި ސަލާމަތް ކުރަން ބޭނުންވާނެ އެންމެ ފަހުގެ އެކްސަސައިޒުތައް ފުލުުހުން ނިންމާފައިވާ ކަމަށާއި ޝައްކުކުރެވޭ ކަމެއް ހިނގާތޯ މަގުތަކުގައި ޗެކްޕޮއިންޓް ތައްގާއިމްކޮށް ވެހިކަލާއި މީހުން ފާސްކުރަން ފަށާފައިވާ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 99 މީހަކު ފާސްކުރުމުގެ އިތުރުން 258 ވެހިކަލެއް ޗެކުކުރުމުގެ އިތުރުން 17 ސަރަހައްދެއް ބަލައި ފާސްކޮށްފައި ވާއިރު 184 މީހަކު ހުއްޓުވައި ސުވާލު ކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަނުގައި ޗެކްޕޮއިންޓްތައް އެކި ދިމާދިމާގައި ޖަހާ ޝައްކުކުރެވޭ ކަމެއް ހިނގާ ކަމަށް ވާނަމަ އެފަރާތްތަކެއް ހުއްޓުވައި ފާސްކުރުމާއި މިހުރިހާ ކަންތައްތަކެއް މި އޮޕަރޭޝަން ތަކުގެ ތެރޭގައި ހިނަގަމުން ދާނެ މީހަކު ހިފަހައްޓާ ޗެކު ކުރުންފަދަ ހާލަތެއް އަތުވެއްޖެނަމަ އެފަދަ ފަރާތްތައް ވެސް ހުއްޓުވައި ބަލައި ފާސް ކުރުމުގެ ކަންކަން ކުރާނެ" ނަވާޒު ވިދާޅުވި އެވެ.