ޓުރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން އިންތިޒާމުކޮށްގެން މިއަންނަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ "ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012"ގެ ރަސްމީ ލަވަ ރިލީޒްކޮށްފި އެވެ.

އިނގިރޭސި ބަހުން ހަދާފައިވާ އެ ލަވަ ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިރުންތެރިޔާ މަރިޔަމް އުނޫޝާ އެވެ. އަދި މިއުޒިކް ހަދައިދީފައި ވަނީ އޭނާގެ މިއުޒިކް ޕްރޮޑިއުސަރު ބާސިތު )ބާޗީ( އެވެ.

"އިޓްސް ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ރިރީޒްކޮށްފައިވާ އެލަވަ ދިރާގުގެ މައިޓޯންސް އިން ވެސް މިހާރު އެކްޓިވޭޓް ކުރެވެން އެބަހުއްޓެވެ.

އެވޯޑްގެ ރަސްމީ ލަވަ ރިލީޒްކޮށްފައިވާ އިރު އެ އިވެންޓް އޮގަނައިޒްކުރާ ހައި ރައިޒުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓް ދިނުމުގެ ފުރުސަތު އާންމުނަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން "ޓުރެވެލްއެވޯޑް.އެމްވީ"އިން ވޯޓް ދިނުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި އެ ކަމަށް ދަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ. އެގޮތުން 30000 އަށް ވުރެ ގިނަ ވޯޓު މިހާރު ވެސް ދީފައިވާ ކަމަށް ހައި ރައިޒް އިން ބުންޏެވެ.

އެ އެވޯޑަށް އެކި ދާއިރާތަކުން 65 ފަރާތެއްގެ ނަން ވަނީ ނޮމިނޭޓް ކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަ ކުރަން ދިވެހި ޓްރެވެލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ "މޯލްޑިވްސް ޓުރެވަލް އެވޯޑްސް 2012" ސުޕޮންސާކޮށްފައި ވަނީ ޖީއެމްއާރުންނެވެ.