00:50


އެމްޑީޕީން އަމާޒުކުރި ސަރުކާރު ހިންގުމަށާއި ދައުލަތް ބިނާ ކުރުމަށް މިއަދު އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ތަރާވީހުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިނަގަން ފެށުމާއި، ވެރިކަން ލެހެއްޓުމަށާއި ހިފެއްޓުމަށް ކުރައްވަން ހުރި ހުރިހާ މަސައްކަތެއް ވަނީ މިހާރު ކުރައްވާފައި ކަމަށެވެ. އަދި މި ވެރިކަމަކީ ޤާނޫނީ ގޮތުން އިންތިހާބުތައް ބޭއްވިގެން ދައުރުން ދައުރަށް، ރައްޔިތުންނަށް އެދޭ ގޮތަށް ބަދަލުވެގެންދާނެ ވެރިކަމެއް ކަމަށާއި، އެނޫން ގޮތަކަށް މި ވެރިކަން ބަދަލުކުރެވޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީން އަމާޒްކުރި ސަރުކާރެއް ހިންގުމަށާއި، އަދި ދައުލަތެއް ބިނާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


އެމްޑީޕީގެ ޗެއާޕާސަނާއި ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި ތަރާވީހުގައި ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށްޓަކައި އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހުޅުވާލި ފުރުސަތު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފަ އެވެ. އެ ފުރުސަތު ހުޅުވާދެއްވަމުން، ރައީސް ވިދާޅުވީ، ރައްޔިތުންނަށްޓަކައި ސަރުކާރުން ހިންގާ މަސައްކަތްތައް ގެންދިއުމަށްޓަކައި ޕާޓީގެ ނިޒާމް ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނީ، ޕާޓީގެ އަސާސީ ގަވާއިދާއި، ޕާޓީ އެކުލެވިފައިވާ ގޮތުގެ އިތުރުން ސިޔާސީ އެހެނިހެން ކަންތައްތައް އެކަމަށް މަގުފަހިކުރެވޭ ގޮތަށް އޮތުމުން ކަމަށެވެ. އެހެންކަމުން، އެމްޑީޕީ އަކީ ވެރިކަން ހިންގާ ޕާޓީ ކަމަށްވާއިރު، ޕާޓީގެ އަސާސީ ގަވާއިދަށާއި ގައުމީ މަޖިލީހަށް ބަދަލު ގެނައުމަކީ، ޕާޓީ ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.