29 Aug 2012, 10:20
ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓާއެކު މަގުތަކަށް ނުކުމެ، ގާނޫނީ އިމުގެ ތެރޭގައި އިހުތިޖާޖެއް ކުރަން ގޮވާލަމުން އެމްޑީޕީން ރޭ ހިނގާލުމެއް ބާއްވައިފި އެވެ.
އެމްޑީޕީން ހިނގާލުމެއް ބޭއްވީ ޖަލްސާއެއް ވެސް ބޭއްވުމަށްފަހު އެވެ. އެ ޖަލްސާގައި ބައިވެރިވި އެންމެންހެން ހިނގާލުމުގައި ބައިވެރިވިއެވެ. ޖަލްސާގައި ވެސް ގޮވާލާފައި ވަނީ އިހުތިޖާޖް ކުރުމަށެވެ.
"އަޅުގަނޑު މުޅި ރާއްޖޭގެ ރައްޔިތުންނަށް މި ގޮވާލަނީ، ރައްޔިތުންނޭ، 30 ވަނަ ދުވަހު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުން މާލެ އަންނާށޭ، މި ގައުމަށްޓަކައި، އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި، އަދި މިގައުމަށް އައިސްފައި ނުވާ ދަރީންނަށްޓަކައި ގުރުބާންވާން ހިނގާށޭ،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވި އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް ވެސް ވާހަކަ ދެއްކެވީ އެ މޭރުމުންނެވެ.
އެ ދެ ބޭފުޅުންގެ ވާހަކަފުޅަށް ފަހު ޖަލްސާގައި ދެން އިވިގެން ދިޔައީ ހިނގާލުމުގައި އަމަލުރާނެ ގޮތްތަކާއި އިރުޝާދުތަކެވެ. އަޑުގަދަކުރާ ބޭނުން ކޮށްގެން މެދު ނުކެނޑި ދެމުން ގެންދިޔަ އިރުޝާދުތަކާއެކު އާޓިިފިޝަލް ބީޗުން ގޮސް މަޑުކުރީ ވެލާނާގޭ ކުރިމަތީގައި އޮތް ފުލުހުންގެ ސަފުގެ ކުރިމަތީގައެވެ. އެ ސަރަހައްދުން ފުލުހުންނާ އާއްމުންނާ ދެެމެދު ހަމަނުޖެހުމެއް ހިނގައި އެކަކު ހައްޔަރުކުރިތަން ފެނުނެވެ.
އޭގެ ފަހުން މަގުތަކުގައި ހިނގުމަށްފަހު ގައުމީ ދިފާއީ ބާރުގެ ކަޅުތުއްކަލާ ކޮށީގެ ސަރަހައްދަށް ވެސް ދިޔަ އެވެ. އެ ސަރަހައްދުން ބައެއް ސިފައިންނާ ދިމާއަށް ހިނގާލުމުގެ ބައެއް ބައިވެރިން ދިއުމުން އިސްކޮށް ތިބި ބައެއް މީހުން އެކަން ހުއްޓުވިއެވެ.
އެމްޑީޕީގެ ހިނގާލުން އުސްފަސްގަނޑަށް ނިންމާލަމުން ބުނެފައި ވަނީ 30 ވަނަ ދުވަހަށް ތައްޔާރަށް ތިބި ކަމަށެވެ.