29 Aug 2012, 10:16
ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރޭ ހަތަރު މީހުން ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިއްސާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 18 އަހަރުގެ ތިން ޒުވާނުންނާއި19 އަހަރުގެ ޒުވާނެއް ކަމަށެވެ. އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.
އަދި ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހަވީރު 5:00 ޖަހާކަންހާ އިރު މ. ޏަމްޏަމްގޭގެ އެއް ވަނަ ފަންގިފިލާ އިން ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރަން ފެށުމުން އެތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި އަދި އެވަގުތު އޭނާގެ އަތުގައި އޮތް އެސޯޓެޑް ބިސްކޯދު ފޮއްޓަކާއި ޑިޖިޓަލް ކައްޓާއެއް ބިއްމައްޗަށް ވައްޓާލި ތަން ފުލުހުންނަށް ފެނިގެން އެ ފޮށި ނަގައި ބަލައި ފާސްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަ ޖޫސްޕެޓީ ކޮތަޅު އޮތް ކަމަށާއި އެތަކެތީގެ ޖުމުލް ބަރުދަނުގައި 521.7 ގްރާމް ހުރި ކަމަށެވެ.
އަދި ބުނީ ދެން ތިބި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ހާޒިރުގައި އެގޭގެ އެއް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ރަބަރު ޕެކެޓް ބަންދުކުރާ މެޝިނަކާއި ކޮތަޅެއްގެ ތެރޭގައި ހުރި ގިނަ ޢަދަދެއްގެ ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.