ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން އެކިފަރާތްތަކާ ކޮށްފައިވާ އިންޓަވިއުތަކާއި މައުލުމާތު ގެއްލިފައިވާ ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުން ދާ ވާހަކަތައް އެކޮމިޝަނުން ދޮގުކޮށްފި އެވެ.

ކޯނީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބަލަމުން ގެންދާ އިރު އެކަމާ ގުޅިގެން އާއްމު ބައެއް ފަރާތްތަކުން އެކޮމިޝަނަށް ދީފައިވާ މައުލޫމާތާއި އިންޓަވިއުތައް ގެއްލިފައިވާ ކަމަށް ބުނާ ވާހަކަތަކީ ރަނގަޅު ވާހަކެއް ނޫން ކަމަށާއި އެއްވެސް އެއްޗެއް ކޮމިޝަނުން ގެއްލިފައި ނުވާ ކަމަށެވެ.

"މިކޮމިޝަނުން މިހާތަނަށް އެކިފަރާތްތަކާއި އެކު ކުރެވިފައިވާ އިންޓަވިއުތަކާއި ހޯދިފައިވާ އެންމެހާ ހެއްކާއި މައުލޫމާތަކީ އިތުބާރު ހުރި ގޮތެއްގައި ވަރަށް ރަނގަޅަށް ކޮމިޝަނުގައި ރައްކާކުރެވިފައިވާ ތަކެއްޗެވެ. ވީމާ މިފަދަ އެއްވެސް އެއްޗެއް މިކޮމިޝަނުން ގެއްލިފައި ނުވާކަން ކޮމިޝަނަށް ކަށަވަރު ކުރެވެ އެވެ." ބަޔާނުގައިވެ އެވެ.

ކޯނީ އަށް ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މެންބަރު ގަހާ އަހުމަދު ސައީދު މިދިޔަ އާދިއްތަ ދުވަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ކޯނީ އިން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓްގައި އިންޓަވިއުތައް ދިން ގިނަ ފަރާތްތަކުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށާއި ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަނު ޖެހޭ ކަމަށެވެ.

މުލީއާގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ރިޕޯޓް އެކުލަވައިލުމަށް ތައްޔާރުކުރި ޑްރާފްޓް ރިޕޯޓަކީ މީހުންނަށް ފެނުނު މަންޒަރާއި ކުރެވުނު އިހްސާސްތައް ކޮންމެ ވެސް ވަރަށް ދޮގުކުރާ ޑްރާފްޓެއް ކަމަށެވެ.


ކޯނީގެ ރިޕޯޓް މާދާމާ އާއްމުކުރާނެ އެވެ. ރިޕޯޓް ރައީސުލްޖުމުހުރިއްޔާއަށާއި ޕްރޮސިކުޓާރ ޖެނެރަލާއި ރައްޔިތުންގެ މަޖިލިހުގެ ރައީސަށާއި، އަދި ބަންޑާރަނައިބަށް ފޮނުވާނެ އެވެ.