29 Aug 2012, 09:34
ފެބުރުއަރީ ހަތެއްގައި ވެރިކަން ފުރޮޅުމާ ގުޅުން ހުރި ކަންތައްތައް ތަހުގީގު ކުރުމަށް އެކުލަވާލީ، ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ (ކޯނީ)ގެ ރިޕޯޓު ރައީސްއަށް ފޮނުވުން މާދަމާ އަށް ފަސްކޮށްފި އެވެ.
މީގެ ކުރިން ނިންމާފައި އޮތީ އެ ކޮމިޝަންގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އަށާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް އަދި ރައްޔިތުން މަޖިލީހުގެ ރައީސްއަށް ފޮނުވާނީ މިއަދު ކަމަށެވެ. އަދި އެ ރިޕޯޓު އާންމުކުރަން ނިންމާފައި ވަނީ މާދަމާ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ކޯނީގެ ރިޕޯޓް އެ ކޮމިޝަނުން ރައީސް އަށާއި އަދި ވެސް ފޮނުވަން ޖެހޭ އެހެން މުއައްސަސާތަކަށް ފޮނުވާނީ މާދަމާގެ 10:00 ޖެހުމުގެ ކުރިން ކަމަށެވެ. އަދި ވިދާޅުވީ މާދަމާ އެ ރިޕޯޓް ރައީސް އާންމު ކުރައްވާނެ ކަމަށެވެ.
"މުޅި ރިޕޯޓް ފައިނަލް ކުރައްވާފައި ފައިނަލް ރިޕޯޓް ރައީސް ވެސް ބޭނުންފުޅުވާ ކަމަށް ކޯނީގައި އެދިވަޑައިގަތީ، އަދި މާދަމާ 10:00 ޖަހާއިރަށް ރިޕޯޓް ލިބިވަޑައިގަތުމާ އެކު އެ ރިޕޯޓް އާންމު ކުރައްވާނެ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަހުގެ ނިޔަލަށް ކޯނީއަށް ރިޕޯޓް ފުރިހަމަކުރުމަށް އެ ކޮމިޝަން އުފެއްދި ގަރާރުން ކޮމިޝަނަށް ބާރުލިބޭ ކަމަށާއި ރައީސް އެގޮތަށް ނިންމެވީ ރިޕޯޓް މުޅިން ފައިނަލް ކުރުމަށް ކޮމިޝަނަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
ރައީސް ޑރ. ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ރިޕޯޓުގެ ބޮޑުބައި ލިއުއްވައި ސިންގަޕޫރުގެ ކުރީގެ ފަޑިޔާރު، ކޮމިޝަންގެ ކޯޗެއާ ޖީޕީ ސެލްވަމް ރާއްްޖެ ވަޑައިގެން ކޮމިޝަންގެ މެންބަރުންނާ އެކު އެ ރިޕޯޓް ފައިނަލް ކުރެއްވުމަށް ފަހު 29 ވަނަ ދުވަހު ރިޕޯޓް ރައީސް އާއި ޕީޖީ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ކޯނީގެ ރިޕޯޓަށް ފަހު އުފެދިދާނެ ހަމަނުޖެހުމަކަށް ސިފައިންނާއި ފުލުހުން ތައްޔާރުވެފައިވާ އިރު ރިޕޯޓަށް ފަހު އަމަލުކުރާނެ ގޮތުގެ މަޝްވަރާތަކެއް މާދަމާ ރޭ ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.