29 Aug 2012, 01:44
ރާއްޖޭގެ މަޝްހޫރު އެއާލައިން، މެގަމޯލްޑިވްސް އިން ތިން ވަނަ މަތިންދާ ބޯޓު މާދަމާ ރާއްޖެ ގެންނާނެ ކަމަށް އެއާލައިނުން ބުނެފި އެވެ.
މެގަ މޯލްޑިވްސް އިން ތަމްރީން ކުރި ކެބިން ކުރޫގެ ފަސް ވަނަ ބެޗްގެ ބައިވެރިނަށް ސެޓްފިކެޓް ހަވާލު ކުރުމަށް މިރޭ ޑްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިޔާތަށް ފަހު މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވެއިމަން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދާމާ ގެންނަ ބޯޓުގެ ދަތުރަށް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
ބޯއިން 200- 757 މަރުކާގެ އެ މަތިންދާ ބޯޓަކީ 206 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ އެއާލައިނުން މިހާރު ބޯއިން 767 މަރުކާގެ 264 ގޮނޑީގެ ދެ މަތިންދާ ބޯޓު ބޭނުންކުރެ އެވެ.
މެގަ މޯލްޑިވްސް އިން ބުނީ ބޯޓްގެ ދަތުރުތައް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަން އަށާއި ދެކުނު އެފްރިކާގެ ޖޮހަނަސްބާގަށާއި ޖަޕާނުގެ ޓޯކިއޯގެ އިތުރުން ޖަރުމަނަށް ވެސް ދަތުރުތައް ކުރުމަށް ހަމަ ޖައްސާފައިވާ ކަމަށެވެ. ވިދާޅުވި އެވެ. ހަމަ އެހެންމެ އިންޑިއާގެ ބޮމްބޭއަށާއި ދިއްލީއަށް ވެސް ދަތުރުތައް ފެށުމަށް ވިސްނަމުންދާ ކަމަށް އެއާލައިން އިން ފާހަގަ ކުރެ އެވެ.
މެގަމޯލްޑިވްސްއިން މިދިޔަ އަހަރު 31000 ދަތުރުވެރިން އުފުލާފައެވެ. އަދި އަންނަ އަހަރު އެ އެއާލައިނުން ދަތުރުކުރާ މީހުންގެ އަދަދު 70،000 އަށް ވުރެ މަދު ނުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
ޓޫރިޒަމްގެ ދާއިރާގައި މަސައްކައްކަތް ކުރައްވާ އެކި ބޭފުޅުނަށް ދައުވަތު އެރުވިގެން މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި މެގަމޯލްޑިވްސް ބުނީ މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ދިހަ ޕަސެންޓް އެ އެއާލައިނުން އުފުލާފައިވާ ކަމަށާއި އުއްމީދަކީ ކުރިޔަށް އޮތް އަހަރު އެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށްވެސް މެގަމޯލްޑިވްސް އިން ބުނެފައިވެ އެވެ.
މިރޭ ބޭއްވި ރަސްމިޔާތުގައި ކެބިން ކްރޫން ތަމްރީނު ފުރިހަމަ ކުރި 30 ކުދީނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ. އެ އެ އެއާލައިންގެ މަތިންދާ ބޯޓްތަކުގައި މަސައްކަތް ކުރުމަށް ކެބިން ކްރޫންގެ ހަތަރު ވަނަ ބެޗެއް އިފުތިތާހުކުރި މި އަހަރުގެ އޭޕްރީލް މަހުގަ އެވެ.