ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާކުން އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނި) ރިޕޯޓަށް ފަހު ކުރީގެ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާނެ ކަމަށް ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

"ކޯނީ ރިޕޯޓް"ގެ ނަމުގައި މިރޭ ދި ޓީވީން ގެނެސްދިން ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދުގެ ހާއްސަ މުޝީރު ޑރ. ހަސަން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ނެރޭ ކޯނީގެ ރިޕޯޓަށް ފަހު ނަޝީދު ހައްދަވަމުން ގެންދެވި "ދޮގުތައް" މުޅި ދުނިޔެއަށް ފަޅާއަރައި ބޭރު ދުނިޔޭގައި އޮތް ސަޕޯޓު ގެއްލިގެންދާނެ ކަމަށެވެ.

އަދި ވިދާޅުވީ އެ ރިޕޯޓަށް ފަހު ދިވެހި ރައްޔިތުންގެ ތާއީދު ވެސް ނަޝީދަށް ގެއްލިގެންދާނެ ކަމަށާއި އޭރުން އެމްޑީޕީ އަށް ޖެހޭނީ އެ ޕާޓީން ވެރިކަމަށް ގެންނާނެ އެހެން ބޭފަޅު ހޯދަން ކަމަށެވެ.

"ކޯނީގެ ނަތީޖާ ނިމޭ ދުވަހު ހަގީގަތަކަށް ވެގެން ދާނީ ބޭރު ދުނިޔޭގައި ނަޝީދުގެ ސަޕޯޓް މުޅިން ގެއްލި، ހެއްދެވި އިތުރުފުޅުތައް ފަޅާއަރައި ދިވެހިންގެ ކުރިމަތީގައި އަގު ވެއްޓި، ފަލީހަތްވެ، އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެހާ ހިސާބުން ނިމި ސިއްކަ ޖެހުން. އެމްޑީޕީއަށް ޖެހޭނީ އެހެން ކޮންމެވެސް މަންޒިލަކަށް ދަތުރު ކުރަން. އެމްޑީޕީއަށް ޖެހޭނީ ކޮންމެވެސް އެހެން ބޭފުޅަކު ހިޔާރުކުރަން. އެދުވަސް އަޅުގަނޑުމެނަށް ފެނިގެންދާނީ މާދަމާ ނޫން އަނެއް ދުވަހު،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކޮމިޝަން އުފެއްދުމަށް ރައީސްއަށް ލަފާ ދެއްވީ އޭނާ ކަމަށާއި ރައީސް ކަމުން އިސްތިއުފާ ދެއްވީ މަޖުބޫރުން ކޮށްގެންކަން ގަބޫލު ކުރުމަށް ތަކުރާރުކޮށް ނަޝީދު އެދިވަވަޑައިގެންނެވި ނަމަވެސް ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުގައި ތިއްބެވި ބޭފުޅުނަށް ވެސް ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"މާދަމާ ނޫން އަނެއް ދުވަހު ހައްގު ފެނިގެންދާނެ. ބާތިލް ނިމުމަކަށް އަންނާނެ. މާދަމާ ނޫން އަނެއް ދުވަހު އަޅުގަނޑުމެނަށް ފެނިގެންދާނެ ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ރައްޔިތުންގެ އިސްތަށިފުޅުގައި އެތައް އިލްޒާމްތަކެއް އަޅުވައި ތަފާތު ގޯނާތައް ކުރިއިރު އެކަމުގެ ހަގީގަތް. މާދަމާ ނޫން އަނެއް ދުވަހު އަޅުގަނޑުމެނަށް ފެނިގެންދާނެ ހަގީގީ ބާޣީންނަކީ ކޮން ބައެއްކަން،" ހަސަން ވިދާޅުވި އެވެ.

ވެރިކަމުން އިސްތިއުފާ ދެއްވި ގޮތާ ގުޅޭ ގޮތުން ނަޝީދު އެކި ފަހަރު އެކި ގޮތަށް ދައްކަވާފައިވާ ވާހަކަފުޅުތައް ފާހަގަކޮށް އިންކްއަރީ ކޮމިޝަނަށް ގައުމީ ޕާޓީން ވެސް ރަސްމީކޮށް ހުށަހަޅާފަވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"ގައުމީ ޕާޓީން ވަނީ މި ތަހްގީގު ކުރިއަށްދާއިރު ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތަކަށް ރިއާޔަތް ކުރުމަށް އެދިފައި. އޭގެ އެއް ކަމެއް އެއީ ރައީސް ނަޝީދު ދައްކަވާ ވާހަކަ ފުޅުތަކަކީ އިތުބާރު ހުރި ވާހަކަތަކެއްތޯ ބެލުން. އެގޮތުން އިސްތިއުފާ ދެއްވި ގޮތާ ގުޅޭ ގޮތުން ދައްކަވާ ފައިވާ ވާހަކަފުޅުތަކުގެ ތެރޭގައި އިސްތިއުފާ ދެއްވީ ސިފައިންގެ ތެރޭގަ އޭ ރައީސް އޮފީހުގަ އޭ، މަޖުބޫރު ވެގެންނޭ، އެމަނިކުފާނު އަވަހާރަކޮށްލަން ރައީސް މައުމޫނު އުޅުއްވި އޭ. ޑރ. ވަހީދު އުޅުއްވި އޭ، ނާޒިމް އުޅުއްވިއޭ. ވެރިކަން ބަދަލުކުރީ އިންޑިޔާގެ ސަފީރޭ. މި ކަހަލަ ތަފާތު އެކި މިސާލުތައް އަޅުގަނޑުމެން ވާނީ ކޯނި އަށް ހުށަހަޅާފައި،" ހަސަން ވިދާޅުވި އެވެ.

ވެރިކަމުން އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތްތަކެއް ބަޔަކު ކުރިމަތި ކުރުމުން ކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ހަމައަށްވެސް އެމަނިކުފާނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެވަޑައިގެންފައިނުވާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރިޕޯޓުން ހާމަވާ ކަމަށާއި ނަޝީދު އިސްތިއުފާ ދެއްވީ "ޕްރެޝާ"ގައި ހުންނަވައިގެން ކަމަށެވެ.

އެ ޕްރެޝާތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ގާނޫނާއި ހިލާފް ކަންތައް ތަކެއްގެ ސަބަބުން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރުތަކެއް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ފަނޑިޔާރަކު ހައްޔަރު ކުރައްވައިގެން އުޅުއްވާއިރު ޕްރެޝަރުގައި ހުންނަވާނީ. މަގުމަތީ އިދިކޮޅު މީހުން މުޒާހަރާ ކުރާއިރު ޕްރެޝަރުގައި ހުންނަވާނީ. ސިވިލް ސާވީސްގެ މުވައްޒަފުންގެ މުސާރަ ނުދެއްވަންޏާއި ޕްރެޝަރުގައި ހުންނަވާނީ. މަސްވެރިންގެ ސަބްސިޓީޒް ނުދެއްވަންޏާއި ޕްރެޝަރުގައި ހުންނަވާނީ. ދައުލަތުގެ ބަޖެޓް ދެކޮޅު ނުޖެހެންޏާ ޕްރެޝަރުގައި ހުންނަވާނީ. ޕްރެޝަރު ހިފަހައްޓާ ނުލެވިގެން އެމަނިކުފާނު [އިސްތިއުފާ ދެއްވާފައި] ވަޑައިގެންނެވީ،" ހަސަން ވިދާޅުވި އެވެ.

ކޮމިޝަނުން ރިޕޯޓު ނިންމާ ގޮތަކުން ނަޝީދު އަށް އަނބުރާ ވެރިކަން ހަވާލުކުރަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނަމުންދާ ބުނުމަށް ދެއްވި ރައްދުގައި ހަސަން ވިދާޅުވީ އެކަން އެމްޑީޕީން ކުރަން ޖެހޭނީ "ހިޔާލީ ދުނިޔެ އެއްގައި" ކަމަށާއި އިންތިހާބަކުން ވެސް ނަޝީދުއަށް ދެން ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިނުގެންވޭނެ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ވެރިކަމަށް ނަޝީދު ވަޑައިގަންނަވާނެ ދުވަސް ނިމިއްޖެ. ވެރިކަން ކުރައްވާނެ ދުވަސް ވެރިކަން ކުރައްވާ ނިމިއްޖެ. ދެން އަޅުގަނޑުމެނެއް ތާރީހުގައި ދިވެހި ރާއްޖޭގެ ވެރިއެއްގެ ގޮތުގައި ކެނެރީގެ މުހައްމަދު ނަޝީދުގެ ނަމެއް ނުލިޔާނަން. އެއީ އެ ހިތި ތަޖުރިބާ އަޅުގަނޑުމެން ކޮށްފިން،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ހިންގާފައިވާ ގާނޫނު އަސާސްއާ ހިލާފުކުށްތަކުގައި ދައުވާ ކުރައްވާނެ ކަމަށާއި އެކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ހަސަން މިރޭ ވިދާޅުވި އެވެ.