29 Aug 2012, 01:04
މިހާރުގެ ޑިފެންސް މިނިސްޓާ، އަހުމަދު ނާޒިމަށް ފެބްރުއަރީ ހަތް ވަނަ ދުވަހު ފޮނުވާފައިވާ އެސްއެމްއެސްތަކެއް ކަމަށް ބުނާ މައުލޫމާތުތަކެއް ރާއްޖެ ޓީވީން އާންމު ކުރުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޓީވީއާ ދެކޮޅަށް މިއަދު ފިޔަވަޅު އަޅާފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފި އެވެ.
ނާޒިމް ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވަނީ އެ މެސެޖްތައް ހިމެނޭ ކޮންޓެންޓް ރާއްޖެ ޓީވީން ބްރޯޑްކާސްޓްކޮށްފައި ވަނީ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާ އާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް"އާ ހިލާފަށް ކަމަށްވުމުން އެ މައްސަލައިގައި ރާއްޖެ ޓީވީން މައާފަށް އެދުމަށް ފަހު ބަޔާނެއް ނެރެ، އެއްވެސް ޝަރުތެއް ނެތި މިރެއިން ފެށިގެން ތިން ރޭ ވަންދެއް ކޮންމެ ރެއަކު 8:00 އިން ފެށިގެން 10:00 އާ ދެމެދު ތިން ފަހަރު އެ ބަޔާން ބްރޯޑްކާސްޓް ކުރަން ޖެހޭނެ ކަމަށެވެ.
ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާ އެމްޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެސްއެމްސްތައް އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީން ކަމަށްވާއިރު އެކަން ހާމަކުރި މީޑިޔާއެއް ކުށްވެރިވާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. އަދި ބުނެފައިވަނީ ރެގިއުލޭޓް ކުރުމުގެ ނަމުގައި އެ ކޮމިޝަނުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން މީޑިޔާގެ ހަމަހަމަކަން ގެއްލި މީޑިޔާގެ މިނިވަން ކަމަށް ހުރަސް އެޅިދާނެ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
"އެ މައްސަލައަކީ ޕަބްލިކް އިންޓްރެސްޓާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައަކަށްވާއިރު، އަދި ނޭޝަނަލް އިންކްއަރީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި އެއާ ގުޅުންހުރި މައްސަލަ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ގާނޫނު އަސާސީން ފަރުދުންނަށް ލިބިފައިވާ ޒާތީ މުއާސަލާތުގެ ހައްގު ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އެޅުއްވީތީ ނުހަނު ކަންބޮޑުވުން ފާޅުކޮށް ހިތާމަކޮށް އެ އަމަލު ކުށްވެރި ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެ ޖަމްއިއްޔާއިން ބުނެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އެޅުމުގައި ހުރިހާ މީޑިޔާތަކާ މެދުވެސް ހަމަހަމަ އުސޫލެއް ގެންގުޅެންޖެހޭ ކަމަށާއި ނަމަވެސް ކޮމިޝަނުން ފިޔަވަޅު އެޅުއްވަމުގައި ވަކި ފަރުދެއްގެ ފަރުދީ ހައްގު މުހިންމު ކަމަށް ފެނިގެން ފިޔަވަޅު އަޅާކަން ފާހަގަވެފައިވާ ކަމަށެވެ.
"އެއް ފަރުދެއްގެ ފަރުދީ ހައްގަށްވުރެ އަނެއް ފަރުދެއްގެ ހައްގު ބޮޑުވެ އަދި ކުޑަވާން ޖެހޭނެ ކަމަކަށްވެސް މި ޖަމްއިއްޔާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންކަމުގައި ފިޔަވަޅު އެޅުއްވުމުގައި މިދެންނެވި ތަފާތު ކުރުންތައް ފެންނާތީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި އަޅުއްވާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މީޑިއާގެ ހަމަހަމަކަން ގެއްލި މީޑިއާގެ މިނިވަންކަމަށް ކިތަންމެ ކުޑަ ނަމަވެސް ފިއްތުމެއް ކުރިމަތިވެދާނެތީ މި ޖަމްއިއްޔާއިން އިން ކަންބޮޑުވަމެވެ،" ބަޔާނުގައިވެ އެވެ.
މީޑީޔާތަކުން އަމަލު ކުރަންވާނީ ތަހުޒީބު މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން ހަގީގަތާއި އެއްގޮތައް ތެދު ހަބަރު ފެތުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.